ޚަބަރު

ކޯވިޑް-19: ކޮންޓްރޯލްކުރެވޭނީ ޓެސްޓްކުރެވޭނެ އިންތިޒާމު ވަރުގަދަކޮށްގެން - ޑަބްލިއުއެޗްއޯ


ކޯވިޑް-19 ދުނިޔޭގައި ކޮންޓްރޯލްކުރެވޭނީ ހުރިހާ ޤައުމަކުންވެސް މި ވައިރަހަށް ޓެސްޓްކުރުމުގެ އިންތިޒާމު ވަރުގަދަކޮށްގެންކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯން ގެބްރިއާސިސް ވިދާޅުވެއްޖެއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ވަނީ ޔޫރަޕްގެ ޤައުމުތަކަކީ، މިހާރު މި ވައިރަސް އެންމެ ބާރަށް ފެތުރެމުންދާ މި ބަލީގެ އެޕިސެންޓަރގެ ގޮތުގައި ސިފަކުރައްވާފައެވެ.

ކޯވިޑް-19 މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އާންމު ބަލިމަޑުކަމަކަށް ބަދަލުވެފައިވާއިރު، މި ބަލީގެ ޙާލަތާއި ޑަބްލިއުއެޗްއޯއިން މިބަލި ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު އެޖަމުޢިއްޔާއިން ދަނީ ހާމަކުރަމުންންވެ.

މި މަޢުލޫމާތު ހިއްސާކޮށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯން ގެބްރިއާސިސް ދެއްވި ސްޓޭޓްމަންޓްގައިވަނީ އެންމެ ފުރަތަމަ މި ވައިރަސް ފެނުނު ޗައިނާއިން މި ބަލި ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތްތަކަށް ތަޢުރީފްކުރައްވާފައެވެ. އަދި ޗައިނާގައި މިބަލި ކޮންޓްރޯލްކުރެވިފައިވާއިރު، މި ބަލި މިހާރު އެންމެ ބާރަށް ފެތުރެނީ ޔޫރަޕްގެ ޤައުމުތަކުގައިކަމަށް ޓެޑްރޯސް ފާހަގަކުރެއްވިއެވެ.

މި ދަނޑިވަޅުގައި ޓެސްޓްކުރުމުގެ އިންތިޒާމް ފެންނަންޖެހޭވަރަށް ދުނިޔޭގެ ޤައުމުތަކުގައި ޓެސްޓްކުރުމުގެ އިންތިޒާމު ހަމަޖެހިފައިނުވާކަން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. ޓެސްޓްކުރުމާއި ކޮންޓެކްޓް ޓްރޭސިންގްއަކީ މި ފަދަކަމެއްގެ މައިބަދަކަން ފާހަގަކުރައްވާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ވަނީ، މި ބަލި ހުރި މީހުންގެ އަދަދު ރަނގަޅަށް ޓްރޭސް ނުކުރެވި ކުއްލިއަކަށް މި ބަލި އެކި ޤައުމުތަކުގައި އިތުރުވަނީ މި ސަބަބައްޓަކާ ކަމަށް ވިދާޅުވެފައެވެ.

"ހުރިހާ ޤައުމަކަށް ދޭން ބޭނުންވަނީ އެންމެ މެސެޖެއް. ޓެސްޓް، ޓެސްޓް، ޓެސްޓް. މި ދަނޑިވަޅުގައި ފެންނަންޖެހޭވަރަށް ދުނިޔޭގެ ޤައުމުތަކުގައި ޓެސްޓްކުރުމުގެ އިންތިޒާމު ހަމަޖެހިފައި ނެތް. ޓެސްޓްކުރުމާއި ކޮންޓެކްޓް ޓްރޭސިންގްއަކީ މި ފަދަ ރެސްޕޮންސެއްގެ މައިބަދަ" ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްގެ ސްޓޭޓްމަންޓްގައިވަނީ ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން މި ބަލިމަޑުކަމަށް އެހީވުމަށް ހަދާފައިވާ "ކޯވިޑް-19 ސޮލިޑާރިޓީ ރެސްޕޮންސް" ފަންޑަށް މިވަގުތު 19 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މި ފަންޑަށް އެއްލައްކަ ދިހަ ހާސް މީހުން އެހީވެފައިވާކަން ޓެޑްރޯސް ފާހަގަކުރެއްވިއެވެ. މި ފަންޑުން އެކި ޤައުމުތަކަށް ބޭނުންވާ ޓެސްޓް ކިޓްތައް ގަތުމާއި، ފްރޮންޓްލައިންގައި މަސައްކަތްކުރާ ސިއްޙީ މާހިރުންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ތަކެތި ގަތުމުގެ އިތުރުން މިބަލީގެ ރިސަރޗް ހެދުމުގައި ބޭނުންކުރުމަށްވަނީ ނިންމާފައެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްގެ ސްޓޭޓްމަންޓްގައިވަނީ، މި ބައްޔަކީ މިހާތަނަށް ފަރުވާއެއް ހޯދިފައިވާ ބައްޔެއްކަމުގައި ނުވާއިރު މި ބަލިން ރައްކާތެރިވުމަށް ފަރުދީ ޒިންމާ އިސްކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން އިޖުތިމާޢީ ދުރުމިނެއް ހިފަހައްޓާ، އާންމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް ޓެޑްރޯސް ގޮވާލެއްވިއެވެ.