ރިޕޯޓް

ވީރާނާވަމުންދިޔަ ދަރުބާރުގެއަށް މިނިވަން 50 އާއިއެކު އާ ދިރުމެއް


މިނިވަން ފަންސާހަށް މާލޭގެ އެކި ސަރަހައްދުތައް މަރާމާތުކޮށް، ޤައުމީ ކުލަތަކުން ދިއްލުމުގެ ފޯރި ގަދަވެފައިވާއިރު، ރަސްމީ ހަފުލާތަކަށް ބޭނުންކުރަމުންދާ ދަރުބާރުގެވެސް ބޮޑެތި ބަދަލުތަކާއެކު ޒީނަތްތެރިކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.އެހެން އަހަރުތަކާއި ޚިލާފަށް މިނިވަން ދުވަހާއި ގުޅިގެން ބާއްވާ ރަސްމީ ދަރުބާރުގެ ބަދަލުގައި، މިފަހަރު އެތަން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެއްވާ ޚާއްސަ ފަރިއްކޮޅު ބާއްވާ ތަނެއްގެ ގޮތުގައިއެވެ.މަރާމާތު ނުކުރެވި ގިނަ ދުވަސްތަކެއްވެފައިވާ ދަރުބާރުގެ ވީރާނާވިޔަ ނުދީ، އެތަން މަރާމާތުކުރުމުގެ މަސައްކަތް ސަރުކާރުން މީގެކުރިވެސް ކޮށްފައިވެއެވެ. ބައެއްކަހަލަ މަރާމާތުތަކަށްފަހު އެތަން އަލުން ބޭނުންކުރަންފެށި ނަމަވެސް، މިހާރު ފެންނަމުންދަނީ މުޅިންތަފާތު މަންޒަރެކެވެ. މިނިވަން ފަންސާހާއި ގުޅިގެން ތަންތަން ޒީނަތްތެރިކުރުމާއި، އެކިކަހަލަ ކުލަތަކުން ދިއްލުމުގެ ފޯރި ދަރުބާރުގެއިންވެސް މިވަނީ ފެންނަށް ފަށާފައެވެ. މިނިވަންދުވަހާއި ގުޅިގެން ބާއްވާ ރަސްމީ ހަފްލާ އެހެންއަހަރުތަކާއި ޚިލާފަށް މިފަހަރު އުސްފަސްގަނޑުގައި ބޭއްވުމަށް ސަރުކާރުން ނިންމަވާފައިވާއިރު، މާލޭގައި މިވަގުތު އޮތް އެންމެ ބޮޑު މާލަމްކަމަށްވާ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މިނިވަން 50 އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެއްވާ ރަސްމީ ފަރިއްކޮޅެވެ. ދަރުބާރުގޭގެ ޖުމްލަ 3 މާލަމެއްގައި މި ފަރިއްކޮޅު ކުރިއަށްދާނެއެވެ. އެއީ، ދަރުބާރުގޭގެ ރަންނަބަނޑޭރިމާލަމާއި، ދޮށިމޭނާމާލަމުގެ އިތުރުން ފާށަނާމާލަމުގައެވެ. އެގޮތުން މިނިވަން ފަންސާހަށް ދަޢުވަތު އެރުވިގެން ރާއްޖެއިން ބޭރުން ވަޑައިގަންނަވާ އިއްޒަތްތެރިން ތިއްބެވުމަށް ހަމަޖެހިފައިވަނީ ރަންނަބަނޑޭރިމާލަމުގައެވެ. ދަރުބާރުގެ ޒިނާތްތެރިކުރުމުގެ މަސައްކަތް ވަރަށް ޖޯޝާއި ފޯރީގައި ކުރިއަށްދާއިރު، މި މަސައްކަތުގައި ދުއިސައްތައަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވަމުންދާކަމަށް ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްތައް ކޯޑިނޭޓްކުރައްވާ މުހައްމަދު އިބްރާހިމް ޕީ.އެސް.އެމްއަށް މައުލޫމާތުދިނެވެ.ދަރުބާރުގެ ޒީނަތްތެރިކުރުމުގެ ގޮތުން ތަފާތު ޑިޒައިންތަކަށް ތައްޔާރުކޮށްފައި ހުރި ފްރޭމްތައް ބޭނުންކޮށްގެން އެކިކަހަލަ ދިއްލުންތައް ދިއްލުމުގެ މަސައްކަތްވެސް ދަނީކުރަމުނެވެ. އަދި މުޅިދަރުބާރުގޭގައިވެސް ވަނީ އަލުން ކުލަލާފައެވެ. ޚާއްސަގޮތެއްގައި ދަރުބާރުގޭގެ އެންމެ ބޮޑު މާލަންކަމަށްވާ ރަންނަބަނޑޭރިމާލަމުގައި އަޅާފައިވާ މުޅި ކާޕެޓްއެއްކޮށް ބަދަލުކޮށް، ވަށައިގެން ފާރުތަކުގައި އެކިކަހަލަ ދިއްލުންތައްވެސް ދިއްލާފައިވެއެވެ. މީގެއިތުރުން މުޅިދަރުބާރުގޭގެ ސައުންޑް ސިސްޓަމް އެއްކޮށް ބަދަލުކޮށް، ލައިޓިންގތަކަށްވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ހަމައެހެންމެ ރަންނަބަނޑޭރިމާލަމުގައި ހުރި ސްޓޭޖްވެސް މުޅިން އާ ޑިޒައިނަކަށް ތައްޔާރުކުރުމުގެ މަސައްކަތްވެސް ދަނީކުރަމުންނެވެ.މިހާރު މަސައްކަތްކުރިއަށްދާ ސްޕީޑަށް ބަލާނަމަ ކުރިއަށް އޮތް ދެދުވަހެއްތެރޭ ދަރުބާރުގެ ޒީނަތްތެރިކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި، މި މަސައްކަތުގައި ސަރުކާރުގެ ކުންފުނިތަކާއި، މުއައްސަސާތަކުގެ އިތުރުން ގިނަ ޢަދަދެއްގެ އާއްމުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާކަމަށް ދަރުބާރުގެ ޒީނަތްތެރިވުމުގައި އިސްކޮސް ހަރަކާތްތެރިވާ ފަރާތުން މައުލޫމާތުދެއެވެ.ދަރުބާރުގެ މަރާމާތުކޮށް، ޒީނާތްތެރިކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިނިވަން 50 ގެ ހަރަކާތްތައް ނިމުނުކަމުގައި ވިޔަސް ދަރުބާރުގެއަށް ގެނެވޭ ބަދަލުތަކާއެކު، އެތަން އާއްމުންނަށް ބޭނުންކުރެވޭނެކަމަށްވެސް މި މަސައްކަތްކުރަމުންދާ ފަރާތުން މައުލޫމާތުދެއެވެ.