ޚަބަރު

ވިލިވަރުގައި ކަރަންޓީން ކުރި ކުޑަ ކުއްޖާގެ އާއިލާއަށް ހިލޭ ޗުއްޓީދަތުރެއް


ވ ތިނަދޫގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ކޯވިޑް-19އަށް ޝައްކު ކުރެވިގެން ކ ވިލިވަރުގައި ކަރަންޓީން ކުރި އިޓަލީގެ ކުޑަކުއްޖާގެ އާއިލާއަށް ހިލޭ ޗުއްޓީ ދަތުރެއް ދިނުމަށް ޓުއަރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ކޯވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ވ ތިނަދޫއިން ގެނެސް ކ ވިލިވަރުގައި ފުރަތަމަ ކަރަންޓީންކުރި، އިޓަލީގެ ކުޑަކުއްޖާ 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަވުމުން ދޫކޮށްލުމުން ހޯމަދުވަހު އާއިލާ އާއި އެކު ޤައުމަށް ވަނީ ފުރާފައެވެ.

ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެއާއިލާ އާއި ބައްދަލު ކުރައްވާފައެވެ. އަދި ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ހިލޭ ޗުއްޓީ ދަތުރު ދިނުމުގެ އިތުރުން، ހަނދާނީ ހަދިޔާއެއްގެ ގޮތުގައި ކުޑަ ދޯންޏެއް ވަނީ ދީފައެވެ.

މިގޮތުން އެއާއިލާއިން 2021 ވަނަ އަހަރު ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނައިރު، ރާއްޖެއިން އެއާއިލާ ބޭނުންވާ ރިޒޯޓެއްގައި ޗުއްޓީ ހޭދަ ކުރެވޭނެކަން ޓުއަރިޒަމް މިނިސްޓްރީން ވަނީ އާއިލާއަށް އަންގާފައެވެ.

ކުޑަކުއްޖާ އާއި އެކުއްޖާގެ މައިންބަފައިން ކަރަންޓީންއަށް ވިލިވަރަށް ބަދަލުކޮށްފައި ވަނީ މާރިޗު 6 ވަނަ ދުވަހުގައެވެ.