ޚަބަރު

ޕާސްޕޯޓު ޚިދުމަތް ޒަމާނީކޮށް އިމިގްރޭޝަންގެ ތާރީޚީ މައުރަޒު ހުޅުވައިފި


  • ޕާސްޕޯޓުގެ ޚިދުމަތަށް އައު ބަދަލުތަކެއް

  • މައުރަޒުން އިމިގްރޭޝަންގެ ތާރީޚީ ކާމިޔާބީތައް ދައްކުވައިދޭ

މޯލްޑިވްސް އިމިގްރޭޝަންގެ މުއްސަނދި ތާރީޚު ރަމްޒުކޮށްދޭ އިމިގްރޭޝަން ވޯލްކް އޮފް ލެގަސީ މައުރަޒު ހުޅުވައި، ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޕާސްޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއެކު އައު ބަދަލުތަކެއް ގެނެސް އިފްތިތާޙުކޮށްފިއެވެ.

އިމިޤްރޭޝަންގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މިދެ ކަންތައް އިފްތިތާޙުކޮށްދެއްވީ، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާންއެވެ.

ދިވެހި ރައްޔިތުންނަށް ދޭ ޕާސްޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއެކު މޯލްޑިވްސް އިމިގްރޭޝަނުން ގެނައި އައު ބަދަލުތަކަކީ، ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ތަކުލީފުތައް ކުޑަކޮށް، އަވަސް އަދި ފަސޭހަ ނިޒާމެއްގެ ތެރެއިން ޚިދުމަތް ދިނުމަށް ގެނައި މުހިންމު އިޞްލާޙުތަކެކެވެ.

އަލަށް ތަޢާރަފު ކުރި ޚިދުމަތްތަކުގެ ތެރޭގައި، ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކަށް އިސްކަންދީގެން، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އެގޮތުން، އިސްރަށްވެހިންނަށް ޕާސްޕޯޓު ފޮޓޯ ނެގުމާއި، އޮންލައިން އެޕްލިކޭޝަން ފުރިހަމަ ކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ އިންތިޒާމެއް މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭނެ ހިތްގައިމު މާޙައުލެއް ޤާއިމުކޮށް، ޢާންމު މަޢުލޫމާތާއި އިރުޝާދު ދިނުމަށް ޚާއްސަ "އިންފޮމޭޝަން ކައުންޓަރެއް" ވެސް ވަނީ ހުޅުވާފައެވެ.

އަލަށް މި ގެނައި ބަދަލުތަކަކީ ޒަމާނީ އީޖާދުތަކުގެ އެހީގައި، އިތުބާރު ހުރި އަދި ހަރުދަނާ ޚިދުމަތެއް ރައްޔިތުންނަށް ދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ މުއްސަނދި ތާރީޚު ރަމްޒުކޮށްދޭ 'އިމިގްރޭޝަން ވޯލްކް އޮފް ލެގަސީ'އަކީ، ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި އިމިގްރޭޝަނުން ހާސިލުކޮށްފައިވާ މުހިންމު ކާމިޔާބީތަކާއި، މުއައްސަސާއަށް އައިސްފައިވާ ކުރިއެރުންތަކާއި، މުއްސަނދި ތާރީޚު ރައްކާތެރިކޮށް ދައްކުވައިދިނުމަށް ޤާއިމުކުރި ތަނެއް ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. ވެލާނާގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އިމިގްރޭޝަންގެ ހެޑް އޮފީހުގެ ތެރޭގައި ދާއިމީ މައުރަޒެއްގެ ގޮތުގައި ތަރައްޤީ ކޮށްފައިވާ މިތަނުން ފެނިގެންދާނީ، 1950 ވަނަ އަހަރު އިމިގްރޭޝަން އުފެދުނީއްސުރެ މިއަދާ ހަމައަށް މުއައްސަސާ ބައްޓަން ކުރުމުގައި ހިއްސާވި ފަރާތްތަކާއި، ހޯދާފައިވާ ކުރިއެރުންތަކުގެ ފުރިހަމަ ތަސްވީރެވެ.

މި މައުރަޒުގައި 1950 އިން ފެށިގެން 2020ގެ އަހަރުތަކާ ހަމައަށް މޯލްޑިވްސް އިމިގްރޭޝަންގެ ތާރީޚު ތަރުތީބުން ފެންނަން ހުންނާނެއެވެ. މީގެ އިތުރުން 'ފްރޮމް ދަ އާކައިވް'ގެ ނަމުގައި ޚާއްސަ ކޮށްފައިވާ ބައިގައި، މުއައްސަސާގެ ކުރީގެ ފޮޓޯތަކާއި، އިމިގްރޭޝަންގެ ކުރިއެރުމަށް މަސައްކަތް ކުރެއްވި އޮފިސަރުންގެ ހަނދާންތައް ދައްކައިދެއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިމިގްރޭޝަންގެ ޚިދުމަތްތައް ފުޅާވެފައިވާ މިންވަރާއި، މިހާރު ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ލިބެން ހުރި ރަށްތައް އަންގައިދޭ ޗާޓެއްވެސް މިތަނުގައި ހިމެނެއެވެ.

މީގެ އިތުރުން، އިމިގްރޭޝަންގެ މައިގަނޑު މަސްއޫލިއްޔަތުތައް ކަމަށްވާ ޕާސްޕޯޓުގެ ޚިދުމަތާއި، ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމާއި، އިންޓެލިޖެންސް އޮޕަރޭޝަންތަކާއި، ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތަކުގެ އިތުރުން ވިސާގެ ޚިދުމަތްތަކާ ގުޅޭ ޚާއްސަ ބައިތަކެއްވެސް ހިމެނެއެވެ. މި ބައިތަކުން އެ ޚިދުމަތްތަކަށް އައިސްފައިވާ ބަދަލުތަކާއި، ތާރީޚީ މައުލޫމާތުތައް ލިބޭނެއެވެ. އަދި 'އެޗީވްމަންޓް ގެލެރީ' އިން މުއައްސަސާގެ ބޮޑެތި ކާމިޔާބީތައް ފާހަގަކޮށްފައިވާއިރު، އެންމެފަހު ބައިގައި އަލިއަޅުވާލާފައިވަނީ ރައްޔިތުންނަށް އަވަސް ޚިދުމަތެއް ދިނުމަށް މިހާރު ބޭނުންކުރަމުންދާ ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ މައްޗަށެވެ.

މި ރަސްމިއްޔާތުގައި އިމިގްރޭޝަނަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުން ބައިވެރިވެ ވަޑައިގެން، އެބޭފުޅުންގެ ޚިދުމަތުގެ ދުވަސްވަރުގެ ހަނދާންތައް އައު ކުރެއްވިއެވެ. އަދި މުއައްސަސާގައި މެދުނުކެނޑި 28 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވަމުންދާ އޮފިސަރުން ވެސް މި ޙަފުލާގައި ބައިވެރިވިއެވެ.

މި މައުރަޒަކީ، މޯލްޑިވްސް އިމިގްރޭޝަން މިއަދު ފެންނަން އޮތް ޒަމާނީ ފެންވަރަށް ގެނައުމުގައި އެކި ދުވަސްވަރު މަސައްކަތް ކުރެއްވި އޮފިސަރުންނާއި، މުވައްޒަފުންގެ އިޚުލާސްތެރި ޚިދުމަތުގެ ހަނދާނުގައި ބިނާކޮށްފައިވާ ތަނެކެވެ.