ޚަބަރު

ސްކޫލުތަކަށް ކުދިން ވެއްދުމަށް ފުރުޞަތު ހުޅުވާލައިފި


  • ފުރުޞަތު ހުޅުލާފައިވަނީ އަންނަ މަހުގެ ނިޔަލަށް

  • އެޕްލިކޭޝަން ހުށަހެޅޭނީ އޮންލައިންކޮށް

އަންނަ އަހަރު ސަރުކާރުގެ ސްކޫލުތަކަށް ކުދިން ވެއްދުމުގެ ފުރުޞަތު ތަޢުލީމާއި މަތީ ތަޢުލީމާ މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ތައުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ، އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުމަށް ސްކޫލުތަކަށް ކުދިން ވެއްދުމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު އަންނަ މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ފޯމު ހުށަހެޅޭނީ، www.moe.gov.mv މެދުވެރިކޮށް އޮންލައިންކޮށް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މީގެކުރިން ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ކޮށްފައިވަނީ، ސްކޫލް ބަންދު ދުވަސްވަރުގައެވެ. އޭގެ ސަބަބުން އެކިއެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. ޚާއްސަކޮށް ދަރިވަރުންގެ ފޮތްތައް ހަމަކުރުމާއި، ސްޓޭޝަނަރީތައް ހަމަނުވުން ހިމެނެއެވެ. ނަމަވެސް 2024 ވަނަ އަހަރުން ފެށިގެން ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ކުރިން ދުރާލާ ނިންމަމުންދާތީ ބޮޑެތި ލުއިތަކެއް ލިބޭކަން ތައުލީމީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

ދުރާލާ ދަރިވަރުން ސްކޫލަށް ވަނުމުގެ ފުރުޞަތު ހުޅުވާލުމުގެ އިތުރުން އެ ވުޒާރާއިން ވަނީ ޚާއްސަ ޙާލަތެއް ނެތި ދަރިވަރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލު ކުރުމަށް ވަކި މުއްދަތެއް ދިނުމަށްވެސް ނިންމާފައެވެ. އެގޮތަށް ސްކޫލު ބަދަލު ކުރެވޭނެ މުއްދަތު އެ އަހަރެއްގެ އެކަޑަމިކް ކަލަންޑަރުގައި ހިމަނައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު ސަރުކާރުގެ 218އެއްހާ ސްކޫލުގައި 77000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރެއެވެ. މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ޑިސެންބަރު 17 ވަނަ ދުވަހު ނިމި، ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރު 18އިން އަންނަ އަހަރުގެ ޖަނަވަރީ 16އާ ހަމައަށެވެ. އަދި 2027 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށޭނީ ޖަނަވަރީ 17 ވަނަ ދުވަހުގައެވެ.