ޚަބަރު

ކޯވިޑް-19 : ރާއްޖޭގައި ހިންގާ ސިނަމާތައްވެސް 2 ހަފްތާއަށް ބަންދު


ކޯވިޑް19، ރާއްޖޭގައި އިތުރަށް ފެތުރިގެން ދިއުން ކޮންޓްރޯލްކުރުމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުގައި ރާއްޖޭގައި ހިންގާ ހުރިހާ ސިނަމާތައް ވެސް 2 ހަފްތާގެ މުއްދަތަކަށް ހުއްޓާލުމަށް ނިންމައިފިއެވެ.

ރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތައް ލިބިދޭ ބާރުގެ ދަށުން، މިއަދުން ފެށިގެން 2 ހަފުތާގެ މުއްދަތަކަށް ރާއްޖޭގައި ހިންގާ ހުރިހައި ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުއްޓާލުމަށްވަނީ އަންގަވާފައެވެ.

މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް
އަދާކުރުމުގެގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް ޑިރެކްޓަރ ޖެނެރަލް ވަނީ އެންމެހައި ފަރާތްތަކަށް އަންގަވާފައެވެ.

ރާއްޖޭގައި ކޯވިޑް19 ފެނުމާގުޅިގެން އާންމުން އެއްވެ އުޅުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. މިގޮތުން އާންމުން އެއްވެއުޅޭ ޕާކުތަކާއި މައިޒާންތައް މިހާރުވެސް ވަނީ ބަންދުކޮށްފައެވެ.