ޚަބަރު

ސްކޫލްތައް އިތުރު އެއް ހަފްތާއަށް ބަންދުކޮށްފި


ސްކޫލްތައް އިތުރު އެއް ހަފްތާއަށް ބަންދުކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ކޯވިޑް-19ގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުން ކޯވިޑް-19ގެ މަޢުލޫމާތު ދެއްވުމަށް ކަނޑައަޅުއްވާފައިވާ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް އަޒީޒް ވަނީ ސްކޫލްތައް އިތުރު ހަފްތާއަކަށް ބަންދުކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ. މިއާއެކު ސްކޫލްތަށް ހުޅުވޭނީ ކޮލެޖް އަދި ޔުނިވަރސިޓީތަކާއިއެކު ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވަނީ މި ދުވަސްވަރުގެ ތެރޭގައި ޓިއުޝަން ދިނުމާއި ޓިއުޝަން ސެންޓަރު ހުއްޓާލުމަށް ގޮވާލައްވާފައެވެ.

"ސްކޫލްތައް ބަންދުކުރެވިފައިވާ ޙާލަތުގައި ޓިއުޝަން ކުލާސްތަކާއި ވަކިމާއްދާ ކިޔަވައިދޭ ކިލާސްތައް ފަދަ އެއްވެސް ކިލާހަކަށް ދަރިވަރުން ނުފޮނުވުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރަން. މުދައްރިސުންވެސް ފޭސްޓް ފޭސްކޮށް އެފަދަ ކިލާސްތައް ނުނެންގެވުމަށް އިލްތިމާސްކުރަން. މި ދުވަސްވަރު ހުރިހާ ބޭފުޅުންވެސް ޢާއްމު ސާފުތާހިރުކަމަށް ސަމާލުކުން ދެއްވުމަށް، ކަމާގުޅޭ އިދާރާތަކުގެ އިރުޝާދުތަކަށް ޢަމަލުކުރުން މުހިންމު." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް މިފަދައިން ގޮވާލައްވާފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ، ޓިއުޝަން ކިލާސްތަކާއި ވަކިމާއްދާ ކިޔަވައިދޭ ކިލާސްތައް މެދުކަނޑާލުމަށް އަންގާފައެވެ. ސްކޫލްތައް ބަންދުކުރެވިފައިވާ ޙާލަތުގައި ޓިއުޝަން ކުލާސްތަކާއި ވަކިމާއްދާ ކިޔަވައިދޭ ކިލާސްތައް ފަދަ އެއްވެސް ކިލާހަކަށް ދަރިވަރުން ނުފޮނުވުމަށް ބެލެނިވެރިންނަށްވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު ހުރިގޮތަށް ބެލުމަށްފަހު ސްކޫލްތައް ބަންދުކޮށްފައި މިވަނީ، މިޑް ޓާމް ބަންދައްފަހު ސްކޫލްތަށް އެއް ހަފްތާއަށް ބަންދުކޮށްފައިވަނިކޮށެވެ. ސްކޫލްތައް މި ދަނޑިވަޅު ބަންދުކުރަން ޖެހުމާއިއެކު ޕީއެސްއެމްގެ ޔެސް ޓީވީއާއި ޔޫޓިއުބް ފަދަ ވަސީލަތްތައް މެދުވެރިކޮށް ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

"ޓެލިކިލާސް"ގެ ނަމުގައި ސްކޫލް ދަރިވަރުންގެ ފިލާވަލުތައް ބްރޯޑްކާސްޓް ކުރަން ފަށާފައިވާއިރު، މިހަފްތާގެ ސެޝަންތައް ބޮޑަށް ޚާއްސަކޮށްފައި ވަނީ ގްރޭޑް ދިހައެއްގެ ދަރިވަރުންނަށެވެ. ޓެލިކިލާސް"ގެ ސެޝަންތައް ދައްކާނެ ވަގުތުތައްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަން ފަށާފައެވެ. މި ސެޝަންތައް ޕީއެސްއެމްގެ ޓީވީ ޗެނަލެއް ކަމަށްވާ ޔެސްޓީވީ އިން ދައްކާ ވަގުތު، ޔެސް ޓީވީ ފޭސްބުކް ޕޭޖާއި، ޓީވީއެމްގެ ޔޫޓިއުބް ޗެނަލްއިން ވަގުތުން ލައިވް ސްޓްރީމް ކުރަމުންދާނެއެވެ. އެޑިއުކޭޝަން މިނިސްޓްރީން މި އިންތިޒާމް ހަމަޖައްސާފައި ވަނީ ދަރިވަރުން ގޭގައި ތިބެގެން ފަސޭހައިން ކިޔެވޭނެގޮތަކަށެވެ.