ޚަބަރު

ކޯވިޑް-19: އިޓަލީގެ 200 ފަތުރުވެރިޔަކު މިއަދު ފުރުވާލަނީ


މިއަދު ރާއްޖޭގައި ތިބި އިޓަލީ ފަތުރުވެރިންގެ ތެރެއިން 200އަށްވުރެ ގިނަ ފަތުރުވެރިން ފުރުވާލުމަށް ހަމަޖެހިފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރައްޖޭގައިތިބި އެކި ޤައުމުތަކުގެ ފަތުރުވެރިން އެމީހުންގެ ޤައުމުތަކަށް ގެންދިއުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށެވެ. އެގޮތުން ރާއްޖޭގައި މިހާރުތިބި މީހުންގެތެރެއިން އިޓަލީގެ ފަތުރުވެރިން ގެންދިއުމަށް އަލިޓާލިއާ އެއާލައިންގެ ފަލްއިޓެއް އައިސްފައިވާކަމަށެވެ. މިފްލައިޓްގައި އިޓަލީގެ 200 އަށްވުރެ ގިނަ ފަތުރުވެރިން ފުރުވާލުމަށް ހަމަޖެހިފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ 13 މީހުގެ ތެރޭގައި ހިމެނެނީ 6 ފިރިހެނަކާއި 7 އަންހެނުންކަމަށެވެ. އޭގެތެރޭގައި ހިމެނެނީ އިޓަލީ 9 މީހަކާއި ތުރުކީ މީހަކާއި، ސައުތުކޮރެއާ މީހަކާއި ޖަރުމަނު މީހެއްގެ އިތުރުން އިގިރޭސިވިލާތުގެ މީހެއްކަމަށެވެ.

މިމީހުންނަށް ދޭންޖެހޭ ފަރުވާ ދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާއިރު އެންމެގެ ޙާލުވެސް މިވަގުތު ރަނގަޅުކަމަށް މަބުރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާތަނަށް 218 ސާމްޕަލް ނެގިފައިވާއިރު އޭގެތެރޭގައި ހިމެނެނީ ކްލޯސް ކޮންކްޓްގެ ގޮތުގައި ޓެސްޓް ކުރެވިފައިވާ 125 ސާމްޕަލާއި، 50 ސާމްޕަލަކީ އެކިގޮތްގޮތަށް ޝައްކުރެވިގެން ކުރެވިފައިވާ ސާމްޕަލުތަކެއްކަމަށެވެ. މިހާތަނަށް ޓެސްޓް ކުރެވުނު ސާމްޕަލްތަކުގެ ތެރެއިން 176 ސާމްޕަލް ވަނީ ކޯވިޑަށް ނެގެޓިވް ވެފައެވެ. އަދި މިހާތަނަށް ނަތީޖާ ނުލިބި 29 ސާމްޕަލެއް ވާކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.