ޚަބަރު

ސަފާރީތަކުން ކުނި ބޭލުމުގައި، ރައްކާތެރިކަމުގެ މިންގަނޑު ވަރުގަދަކޮށްފި


ސަފާރީތަކުން ކުނި ގެނައުމުގައި ރައްކާތެރިކަމުގެ މިންގަނޑު އިތުރަށް ވަރުގަދަކޮށްފިއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ނެރުނު ނޫސްބަޔާނެއްގައި އެ ކޯޕަރޭޝަނުންވަނީ، ދިވެހިރާއްޖެ އާއި، ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑާ-19އާ ގުޅިގެން އެކޯޕަރޭޝަންގެ މުވައްޒަފުންނާއި ޢާންމު ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ތަފާތު ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކުރައްވާފައެވެ.

ކަސްޓަމަރުން ވެމްކޯގެ ސައިޓްތަކަށް ގެންނަ ކުނީގެ ތެރޭގައި ސަފާރީ އުޅަނދުފަހަރުން ގެންނަ ކުނި ހިމެނޭއިރު، މިކުނި ގެނައުމުގައި ސަމާލުވުމަށް ވެމްކޯއިންވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ސަފާރީތަކުގެ ކުންޏާއި ޢާންމުކުނި އެއްކޮށްގެން ގެނައުމާއި، އަމިއްލަ އެއްގަމު އުޅަނދުގެންގުޅޭ ފަރާތްތަކުން ސަފާރީ އުޅަނދު ފަހަރުގެ ކުނި ވެމްކޯގެ އެއްވެސް ސައިޓަކަށް ގެނައުމަކީ މަނާކަމެއްކަމުގައި ވެމްކޯއިން ވަނީ ކަނޑައަޅުއްވާފައެވެ.

އަދި ސަފާރީ އުޅަނދުފަހަރުން ހުޅުމާލެ ސައިޓަށް ކުނި ގެންނަކަމުގައި ވާނަމަ، ވެމްކޯގެ ސައިޓް ސްޕަވައިޒަރުގެ ނަންބަރަށް ގުޅާ މިކޯޕަރޭޝަނުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުނި ގެނައުމަށް ވެމްކޯއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މިގޮތަށް ގެނެވޭ ކުނި ހުންނަންވާނީ ކޮތަޅަށްލައި ރަނގަޅަށް ބަންދުކޮށްފައެވެ.

އަދި ބަންދުނުކޮށް ގެނެވޭ ކުނި ވެމްކޯގެ ސައިޓުން ބަލައިނުގަންނާނެކަން ވަނީ ހާމަކޮށްފައެވެ. މިފަދަ ފިޔަވަޅުތަކެއް އަޅާފައިވަނީ، ސަފާރީތަކުން ގެންނަ ކުނި މިނޫންގޮތަކަށް ގެނައުމަކީ، މިވަގުތަށް ރައްކާތެރި ކަމަކަށް ނުފެންނާތީ، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަމަށް ވެމްކޯއިން ވިދާޅުވިއެވެ. އަދި މިގޮތައް ޢަމަލުނުކުރާ ފަރާތްތައް ފާހަގަ ކުރެވިއްޖެނަމަ، އެފަރާތްތަކާމެދު ފިޔަވަޅު އެޅާނެކަން ވެމްކޯއިން ފާހަގަކުރިއެވެ.