ޚަބަރު

ކޯވިޑް-19 : ކާމިޔާބީއަކާ ހަމައަށް ދެވޭނީ ހުރިހާ ޤައުމެއް އެކުގައި މަސައްކަތްކޮށްގެން


ކޯވިޑް-19 އާ ކުރިމަތިލުމުގައި ކާމިޔާބީއަކާ ހަމައަށް ދެވޭނީ އެކުގައި ހުރިހާ ޤައުމެއް ގުޅިގެން މަސައްކަތްކުރެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކޯވިޑް-19 އާ ކުރިމަތިލުމުގައި ގުޅިގެން މަސައްކަތްކުރުމުގެ ގޮތުން ސާކްގެ ޤައުމުތަކުގެ ލީޑަރުންގެ މެދުގައި ބޭއްވެވި ވީޑިއޯ ކޮންފަރެންސް މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މި ވީޑިއޯ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީގައި ހުންނަވައިގެން ވީޑިއޯ ކޯލް މެދުވެރިކުރައްވައެވެ.

މި ވީޑިއޯ ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ކާރިސާތަކާއި ނުވަތަ ބޮޑެތި ކަންކަން ސަރަޙައްދީ ޤައުމުތަކަށް ކުރިމަތިވާ ދަނޑިވަޅުތަކުގައި އަބަދުވެސް ސާރކުގެ މެންބަރު ޤައުމުތަކަކީ އެކަތިގަނޑަކަށްވެ އެކުގައި މަސައްކަތްކުރައްވަމުން ގެންދާ ބައެއް ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސާރކްގެ ޤައުމުތަކުގެ ޞިއްޙީ ދާއިރާއަށް މިބަލީގެ ސަބަބުން އުފުލަންޖެހިދާނެ ބުރަ ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާވެސް ވާހަކަފުޅު ދައްކަވާފައެވެ.

ރާއްޖެއިން މިހާރު އެންމެ އިސްކަމެއް ދެއްވަނީ މި ބަލި ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްކަން ފާހަގަކުރައްވައި ރާއްޖެއިން މިކަމުގައި ކުރައްވަމުންގެންދަވާ ބައެއް މަސައްކަތްތަކުގެ ތަފްޞީލު ރައީސުލްޖުމްހޫރިއްޔާވަނީ ހާމަކުރައްވާފައެވެ. ހަމަ އެހެންމެ މި ބައްޔާ ކުރިމަތިލުމުގައި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ހުރި ގޮންޖެހުންތަކުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި މިބަލިމަޑުކަމުން އަރައިގަތުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ސާރކް ލިޑަރުންގެ މެދުގައި ބޭއްވެވި މި ވީޑިއޯ ކޮންފަރެންސަކީ އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީގެ އިސްނެންގެވުމަކަށް ބޭއްވެވި ވީޑިއޯ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ކޮންމެ ޤައުމަކުންވެސް މި ބަލިމަޑުކަމާ ގުޅިގެން އެޤައުމެއްގެ ޙާލަތާއި، އަދި އެ ޤައުމަކުން މިކަމާ ކުރިމަތިލުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ.

މި ކޮންފަރެންސްގައި އިންޑިޔާގެ ބޮޑުވަޒީރު ވަނީ ކޯވިޑް-19 އާ ކުރިމަތިލުމަށް ސާކް ޤައުމުތަކުން ބައިވެރިވާ ފަންޑެއް އިފްތިތާޙްކުރުމަށް ހުށަހަޅުއްވާފައެވެ. އެގޮތުން އެފަންޑު ހުޅުމުގެ ގޮތުން އިންޑިޔާއިން އެ ފަންޑުގައި 10 މިލިޔަން ޑޮލަރު ހިމަނުއްވާނެކަން ބޮޑުވަޒީރު މޯދީ އިޢުލާނު ކުރެއްވެވިއެވެ. ހަމަ އެހެންމެ މި ބަލީގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދަށް ލިބޭ ހީނަރުކަން ފޫބެއްދުމަށް ރީޖަނަލް ރިލީފް ޕެކޭޖެއް ތަޢާރަފުކުރުމާއި، ދިގު މުއްދަތުގެ ރިކަވަރީ ސްޓްރެޓަޖީއެއް އެކުލަވާލުމާ ބެހޭގޮތުންވެސް މި ކޮންފަރެންސްގައި މަޝްވަރާކުރެވުނެވެ.

މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އިންޑިޔާގެ ބޮޑުވަޒީރާއި، އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީއާއި، ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި، ބޫޓާނުގެ ބޮޑުވަޒީރު ޑރ. ލޮޓޭ ސެރިންގ އަދި ޕާކިސްތާނުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތް ޑރ. ޒަފަރު މިރުޒާ ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ކޮންފަރެންސްގައި ސާރކް ޤައުމުތަކުން ގުޅިގެން މިބަލިމަޑުކަމާ ކުރިމަތިލުމުގެ މުހިންމުކަން ހުރިހާ ޤައުމަކުންވެސް ފާހަގަކުރެއްވިއެވެ.