ވިޔަފާރި

މާވަރުލު އެއަރޕޯޓު ހުޅުވުން ފަސްކޮށްފި


ކޯވިޑް-19އާ ގުޅިގެން އަޅުއްވަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން މާވަރުލު އެއަރޕޯޓު ހުޅުވުން ފަސްކޮށްފިއެވެ.

ގދ.މާވަރުލުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓުގައި ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މިމަހުގެ 11ވަނަ ދުވަހުއެވެ. ޓެސްޓް ފްލައިޓް ޖެއްސުމަށްފަހު މިމަހުގެ 20 ވަނަ ދުވަހު އެއަރޕޯޓް ހުޅުވާނެކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް، ކޯވިޑް-19އާ ގުޅިގެން އެއަރޕޯޓުގެ ދަތުރުތައް ފެށުން މިމަހުގެ 30ވަނަ ދުވަހަށް ފަސްކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވިދާޅުވެއެވެ. ގދ.މާވަރުލުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ކުންފުންޏަކާ ޙަވާލުކޮށްފައިވަނީ 2011ވަނަ އަހަރުއެވެ.
އެހެންނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތް ހަވާލުކުރި ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލުމަށްފަހު، ދިގު މުއްދަތެއް ވަންދެން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

މާވަރުލުގައި އެއަރޕޯޓް ހެދުމުގެ މަސައްކަތް އަލުން ފަށާފައިވަނީ 2018ވަނަ އަހަރުގެ މެދުތެރޭގައި، މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ.

އެމްޓީސީސީއާ ޙަވާލުކުރީ އެއަރޕޯޓްގެ ރަންވޭ ހެދުމާއި ޓެކްސީވޭ އަދި ފްލައިޓުތައް ޕާކުކުރާ އޭޕްރަން ހެދުމަށެވެ. ސަރުކާރުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 57 މިލިއަން ރުފިޔާއަށެވެ.

އެކުންފުނިން މިއެއަރޕޯޓު ތަރައްޤީކުރަނީ 1200 މީޓަރުގެ ދިގު ރަންވޭއަކާއެކުގައެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްޞަކޮށްގެން ތަރައްޤިކޮށްފައިވާ އެއަރޕޯޓެކެވެ.