ޚަބަރު

ރާއްޖެއަށް މިވަގުތު އެންމެ ބޭނުންވާ އެހީގެ ލިސްޓެއް ޗައިނާއާ ގުޅިގެން ޤާއިމުކޮށްފި


ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ރާއްޖެއަށް ޗައިނާއިން ވެދެވޭނެ އެހީތައް ބަޔާންކޮށް މިވަގުތު އެންމެ ބޭނުންވާ އެހީގެ ތަފްސީލީ ލިސްޓެއް ޤާއިމުކޮށްފިއެވެ.

މި ލިސްޓްގައި ހިމެނޭކަންކަމުގެ ތަފްސީލް ޗައިނާ އެމްބަސީންނާއި ފޮރިން މިނިސްޓްރީންވެސް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

މި އެހީގެ ލިސްޓް ޤާއިމުކޮށްފައިވަނީ، ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ފެންނަން ފަށާފައިވާ މި ދަނޑިވަޅުގައި، ޗައިނާއިން ރާއްޖެއަށް ވެދެވޭނެ އެހީތެރިކަމާއި ގުޅޭގޮތުން ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ޖޭންގް ލީޖޮންގް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

ފޮރިން މިނިސްޓަރ ކުރެއްވި ޓުވީޓް

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިިސްޓަރ އަބްދުﷲ ޝާހިދު ވަނީ ޗައިނާއިން ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ކުރަމުންދާ ކާމިޔާބު މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. ޗައިނާއަކީ ރާއްޖެއަށް އެހީ ބޭނުންވި ކޮންމެ ދަނޑިވަޅެއްގައިވެސް އެހީ ފޯރުކޮށްދިނުމުގައި ލަހެއް ފަހެއް ނެތި ނިކުންނަ ޤައުމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ޝާހިދު ވަނީ، އެ ޤައުމުން ރާއްޖެއަށް ދިމާވެފައިވާ މި ގޮންޖެހުމުން އަރައިގަތުމަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން އެބައޮތްކަން ފާހަގަކުރައްވާފައެވެ.

ޗައިނާ ސަފީރު ކުރެއްވި ޓުވީޓް

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ޖޭންގް ލީޖޮންގްވަނީ ޗައިނާއިން މި ވައިރަސް ފެނުނު ހިސާބުން ފެށިގެން ރާއްޖެއިން އެ ޤައުމާއެކު އޮތް އޮތުމަކީ ދެ ޤައުމުގެ ވަރުގަދަ އެކުވެރި ގުޅުން ހާމަކޮށްދޭކަމެއްކަން ފާހަގަކުރައްވާފައެވެ. ޗައިނާއިން މި ބަލި ކޮންޓްރޯލްކުރުމަށް އައު ވަސީލަތްތަކާއި ޓެކްނޮލޮޖީތައް ތަޙްލީލުކުރަމުންދާކަން ފާހަގަކުރައްވާ ޗައިނާ ސަފީރު ވަނީ، މި ވަގުތު ރާއްޖެއަށް ބޭނުންވާ އެހީއާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޗައިނާގައި ކޯވިޑް 19 މިހާރު ކޮންޓްރޯލް ވުމާއެކު އެޤައުމުންވަނީ މިވައިރަސް ފެތުރެމުން އަންނަ ސަރަޙައްދުތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. އެގޮތުން އީރާނާއި އިޓަލީއަށްވެސް ޗައިނާގެ ޑޮކްޓަރުންގެ ޓީމުތައް ގޮސް އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި މިދަނޑިވަޅުގައި އެހީތެރިކަން ބޭނުންވާ ޤައުމުތަކަށް އެކަމުގައި ޗައިނާގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ޗައިނާ ސަރުކާރުންވަނީ ދީފައެވެ.

ޗައިނާގެ ޙާލަތު ޢާއްމު ޙާލަތަކަށް ގެނައުމަށް ޗައިނާ ސަރުކާރުން މަސައްކަތްކުރަމުން އަންނައިރު މިހާރު ވައިރަސްގެ ނުރައްކާ އެންމެ ބޮޑުވެފައިވަނީ އިޓަލީގައެވެ. އެގޮތުން އިޓަލީންވަނީ އެޤައުމަށް ވަދެ ނިކުތުން މިހާރު ވަގުތީ ގޮތުން ހުއްޓުވާފައެވެ. ޑަބްލިއުއެޗްއޯއިން މިވައިރަސްއަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ގޮތުގައިވަނީ ކަނޑައަޅާފައެވެ.

ޗައިނާއިން މި ބަލި އެންމެ ފުރަތަމަ ފެނި ފެތުރެން ފެށުމާއެކު އެ ޤައުމަށް އެހީ ފޯރުކޮށްދިން ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. ޗައިނާ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަކީ ދިވެހި ރާއްޖެއާއި ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ގިނަ އެހީތަކެއް ވެދެއްވާ ޤައުމެއްކަން ފާހަގަކޮށް ދިވެހިންގެ ފަރާތުން ވަނީ، ޗައިނާއަށް އެއް މިލިޔަން މަސްދަޅު ހަދިޔާކޮށްފައެވެ.