ޚަބަރު

ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތަށް ކޮންޓިންޖެންސީ ބަޖެޓުން 212 މިލިޔަން ރުފިޔާ ކަނޑައަޅައިފި


ކޯވިޑް-19 ގުޅިގެން މިހާރު ރާއްޖޭގައި އިޢުލާންކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި މިހާރުކުރަމުންދާ ކަންކަމަށް ހޭދަކުރުމަށް ކޮންޓިންޖެންސީ ބަޖެޓުން 212 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ގެ މަޢުލޫމާތު ހާމަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ 212 މިލިޔަން ރުފިޔާކަމަށެވެ.

މަބްރޫކު ވިދާޅުވީ ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާފައިވާ މިންވަރުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ލިބޭ މާލީ އެހީތައް ނުހިމެނޭނެކަމަށެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުންދަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން މިކަމަށްޓަކާ ޚާއްސަ އިމަރޖަންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމްކޮށް އެ ސެންޓަރުގެ ބެލުމުގެ ދަށުން ތަފާތު މަސައްކަތްތަކެއް ދަނީ ހިންގަމުންނެވެ.

މީގެ އިތުރުން ޓޫރިޒަމް ޓްރަސްޓް ފަންޑުން ޚަރަދުކޮށްގެން ރާއްޖެއަށް ބޭނުންވާ ސިއްޙީ ސާމާނާއި، ފަންނީ މީހުން 3 ޤައުމަކުން ގެންނަން މަސައްކަތްކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19 ރާއްޖޭއިން ފެނިފައިވާއިރު މިހާތަނަށް 13 މީހަކުވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ.