ޚަބަރު

ނޭޕާލަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އަންގައިފި


ނޭޕާލަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އަންގައިފިއެވެ.

މިކަން ހާމަކޮށް ފޮރިން މިނިސްޓްރީން ކުރި ޓުވީޓެއްގައި، ވަނީ މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ނޭޕާލުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ނޭޕާލުން އޮން-އެރައިވަލް ވިސާ ދޭ ހުރިހާ ޤައުމަކަށްވެސް މި ޚިދުމަތް ވަގުތީގޮތުން ހުއްޓާލާފައިވާކަން ހާމަކޮށްފައެވެ. އެގޮތުން މިޚިދުމަތް ހުއްޓާލާފައިވަނީ 14 މާރިޗު 2020 އިން ފެށިގެން 30 އޭޕްރިލް 2020 އާއި ހަމައަށެވެ.

ފަތުރުވެރިން ނޭޕާލަށް ޒިޔާރަތް ކުރާނަމަ ކޯވިޑް-19 ނެތްކަން އަންގައިދޭ، (ނޭޕާލަށް އެތެރެވާ ތާރީޚަށް 7 ދުވަސް ހަމަ ނުވާ) މެޑިކަލް ލިޔުމެއް އެ ގައުމެއްގެ ކަމާއި ގުޅުން ހުރި އިދާރައަކުން ހޯދާ އެލިޔުން ހިފައިގެން ދިއުމަށް ނޭޕާލް ސަރުކާރުން ވަނީ އަންގާފައެވެ. މީގެ އިތުރުން ހުރިހާ ފަތުރުވެރިންވެސް ނޭޕާލަށް ދިޔުމުން 14 ދުވަހަށް އަމިއްލައަށް ކަރަންޓީންގައި ތިބެންޖެހޭނެކަންވެސް ނޭޕާލް ސަރުކާރުންވަނީ އަންގާފައެވެ.

މި ބަޔާނުގައި ފޮރިން މިނިސްޓްރީން ވަނީ، ނޭޕާލްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ނޭޕާލްގައި ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ނޫނީ ނުކުރުމަށާއި، ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ނޭޕާލަށް ދަތުރުކުރާ ފަރާތްތަކުންނާއި ނޭޕާލްގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. ހަމައެހެންމެ، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި ފޮރިން މިނިސްޓްރީން ފާހަގަކުރެއެވެ.

ފޮރިން މިނިސްޓްރީން ކުރެއްވި ޓުވީޓް

ނޭޕާލަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އަންގާފައިވާއިރު، ފިލިޕީންސް، އިނގިރޭސިވިލާތް، ސްޕެއިން އަދި ފަރަންސޭސިވިލާތުގައި އުޅޭ ދިވެހިން އެ ޤައުމުތަކުގެ އެމްބަސީ ނުވަތަ ކޮންސުލްގައި ރަޖިސްޓްރީވުމަށްވެސް މިނިސްޓްރީންވަނީ ގޮވާލާފައެވެ. އަދި މި ބަލިމަޑުކަމުގެ އެންމެ ފަހުގެ މަޢުލޫމާތު އެ ޤައުމުތަކުން ހޯދާ ރައްކާތެރިވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރައްވައެވެ. އެގޮތުން އީ-ރަޖިސްޓަރ މެދުވެރިކޮށް މިކަން ކުރެވޭނެކަން އެ މިނިސްޓްރީން ހާމަކުރައްވައެވެ.