ޚަބަރު

ކޯވިޑް-19 : މާލެއާއި ވަކިން ރާއްޖޭގެ އެކި ސަރަޙައްދުގައި އޮޕަރޭޝަން ފުޅާކުރަނީ


ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ އޮޕަރޭޝަން ފުޅާކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ މާލޭގަ ކުރިއަށް ގެންދާ އުސޫލުން ވަކި އޮޕަރޭޝަންތަކެއްގެ ގޮތުގައި އަތޮޅުތެރޭގައިވެސް މަސައްކަތްކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ.

ކޯވިޑް-19އާއި ގުޅިގެން މާލެ ސަރަޙައްދުގައި މަސައްކަތްކުރަމުންދާ އުސޫލުން ރާއްޖެގެ އެހެން ސަރަޙައްދުތަކުގައިވެސް މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ ޚިދުމަތް ސެންޓްރަލްކޮށް އޮޕަރޭޝަން ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ރާއްޖޭގެ އެކި ރީޖަންތަކަށް ބަހާލައިގެން ޚިދުމަތް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ.

އެގޮތުން އަތޮޅުތެރޭގައި ކޯވިޑް-19 ފެތުރިގެންދާނަމަ އެޙާލަތުގައި އެސަރަޙައްދުތަކުން ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަކަމަށެވެ. އަދި ފަރުވާ އެންމެ ބޭނުންވާ ފަރާތްތަކަށް ވީ އެންމެ އަވަހަކަށް ފަރުވާ ފޯރުކޮށްދެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސަމުން އަންނަކަމުގައި މިނިސްޓަރ އަމީން ވިދާޅުވިއެވެ.

"ރާއްޖޭގައި ކުރިއަށް މިގެންދާ އޮޕަރޭޝަން ފުޅާކޮށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭންތައް ހަދަމުން މިދަނީ. ރާއްޖެއިން މިހާރު ބަލިފެނުމާއި ގުޅިގެން މިހާރު ހުރި ގައިޑްލައިންތަކަށް ގެންނަޖެހޭ ބަދަލުތައް ގެނެސް މާލެއާއި ވަކިން ރީޖަންތަކުގައި އޮޕަރޭޝަން ކުރިއަށްގެންދާނެ ގޮތުގެ ޕްލޭންތައް މިދަނީ ހަދަމުން. އެގޮތުން ޓެސްޓުކުރަންޖެހޭ ޙާލަތުގައި ޓެސްޓު ކުރެވޭނެ އިންތިޒާމު މިއަންނަނީ ހަމަޖައްސަމުން." ހެލްތު މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން މާލެއަކީ އާބާދީގެ ގޮތުން ބޮޑު އަދި ތޮއްޖެހުން ބޮޑު ތަނަކަށްވުމުން މާލޭގެ ރައްކާތެރިކަމަށް ޚާއްސަ ޕްލޭންތަކެއް އެކުލަވާލާފައިވާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. އަދި ވައިރަސްގެ މިދަނޑިވަޅުގައި ލިބޭ އެންމެ ބޮޑު ކާމިޔާބީއަކީ ފެތުރިގެން ދިޔުން ކޮންޓްރޯލް ކުރެވިފައި އޮތުންކަމަށެވެ. އަދި މިއީ ރާއްޖޭގައި ވައިރަސް ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ބާރުކަންވެސް މިނިސްޓަރ އަމީން ފާހަގަކުރެއްވިއެވެ. އެގޮތުން އެކުލަވާލާފައިވާ ޕްލޭންތަކުގެތެރޭގައި ސަރުކާރުގެ ފަރާތުން މިހާރު އަޅަމުންދާ ފިޔަވަޅުތައް މޮނީޓަރކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މާލެއަކީ ވަކި ޚާއްސަ ތަނެއްގެ ގޮތުގައި ބަލާ މާލޭގައި ހިންގާނެ އޮޕަރޭޝަނަލް ޕްލޭންތައް މިހާރުވަނީ އެކުލަވާލެވިފައި." ހެލްތު މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މާލީ އެހީތެރިކަން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ފޯރުކޮށް ދިނުމަށް ނިންމާފައިވާއިރު އޮޕަރޭޝަން ފުޅާކުރުމަށް ބޭނުންވާ އިންސާނީ ވަޞީލަތާއި އެހެނިހެން ވަޞީލަތްތައް ދުނިޔޭގެ އެކި ޤައުމުތަކުން އަންނަނީ ފޯރުކޮށްދެމުންނެވެ.