ވިޔަފާރި

އެމް ސެވަން އިން ވިޔަފާރިތަކަށް އެހީވުމަށް ޙާއްސަ ސްކީމެއް


ކޯވިޑް-19ގެ ސަބަބުން ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް އެހީވުމުގެ ގޮތުން އެމް ސެވަން އިން "އެމް ސެވަން ފަސޭހަ ކްރެޑިޓް" ގެ ނަމުގައި ޚާއްސަ ސްކީމެއް ތައާރަފްކޮށްފިއެވެ.

އެމްސެވެންއިން ބުނީ ކޯވިޑް-19ގެ ސަބަބުން ވިޔަފާރިތަކަށް ލިބޭ ގެއްލުމަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައްޔިތުންނަށް ލިބޭ ގެއްލުންތަކެއް ކަމަށެވެ. އެމް ސެވަން އިން ތަޢާރަފްކުރި ޚާއްޞަ ކްރެޑިޓް ސްކީމް ޚާއްޞަކޮށްފައިވަނީ އެކުންފުނިން ފާއިތުވި ތިން އަހަރު ދުވަހު ވިޔަފާރިކޮށްފައިވާ ކަސްޓަމަރުންނަށެވެ. އެގޮތުން ކުދި ވިޔަފާރިތަކަށާއި މެދުފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބަލައި ވިޔަފާރި ފުޅާކުރުމަށް ޕްރިންޓް ކުރާ ތަކެއްޗަށް މި ސްކީމުން އެހީތެރިކަން ލިބޭނެ ކަމަށް އެމްސެވަން އިން ބުނެއެވެ.

މި ސްކީމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކުންފުނީގެ ކޯޕަރޭޓް އެފެއާޒް އީމެއިލްއަށް ޕްރޮޕޯސަލް މެއިލް ކުރުމުން ދެ ދުވަސްތެރޭގައި އެ ފަރާތްތަކާއި ބައްދަލުކޮށް މި ސްކީމްގެ ކަންކަން ހަމަޖެހިފައިވާ އުސޫލުން ކުރިއަށް ގެންދާނެ ކަމަށްވެސް އެމްސެވަން އިން ބުންޏެވެ.

އެމްސެވަން އިން ބުނީ ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި ރާއްޖޭގައި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ވެގެންދާނެ ކަމަށް ސަރުކާރުން ލަފާ ކޮށްފައިވާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ހަރަކާތްތަކާއި ޓްރޭޑްފެއާތައް ހުއްޓުމަކަށް އައިސް އެމްސެވަންގެ ވިޔަފާރިއަށްވެސް ބޮޑު ހީނަރުކަމަކާއި ކުރިމަތިލާންޖެހިފައިވާކަމަށްވެސް އެކުންފުނިން ބުނެއެވެ.