ވިޔަފާރި

ޓޫރިސްޓު ސަޕޯޓު ސެންޓަރެއް ޤާއިމްކޮށްފި


ރާއްޖެއަށް އަންނަ އަދި ފުރާ ފަތުރުވެރިންނަށް އެހީވުމަށްޓަކައި 'ޓޫރިސްޓު ސަޕޯޓު ސެންޓަރެއް' ހުޅުލޭ އައިލެންޑް ހޮޓެލް އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޤާއިމްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދުކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ މި ޓޫރިސްޓު ސަޕޯޓު ސެންޓަރުން ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތުތައްދީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. މިއީ މިނިސްޓްރީ އޮފް ޓޫރިޒަމާއި، ޓޫރިސްޓު ޕޮލިސް އަދި އެމްއޭސީއެލް ގުޅިގެން ހިންގާ ސެންޓަރެކެވެ.

ސަރުކާރުން މިހާތަނަށް ވަނީ 7 ޤައުމަކުން ރާއްޖެއަށް ދަތުރުކުރުން ވަގުތީގޮތުން މެދުކަނޑާލާފައެވެ. އެއީ ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް، ސްޕެއިން، ޗައިނާ، އިޓަލީ، ސައުތު ކޮރެއާ އަދި އިރާނެވެ.

އަދި މީގެއިތުރުން މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި ހިންގާ ގެސްޓް ހައުސްތަކާއި ސިޓީހޮޓާތަކަށް 14 ދުވަހުގެ މުއްދަތަށް ބިދޭސީ އެއްވެސް ފަތުރުވެރިއަކު ޗެކިން ކުރުން ހުއްޓާލުމަށްވެސް ސަރުކާރުން ވަނީ އަންގާފައެވެ.

އަދި އެ ފަދަ ތަންތަނުގައި މިހާރު ޗެކްއިންވެފައި ތިބި ބިދޭސީ ފަތުރުވެރިންނަން ބުކިންގެ މުއްދަތަށް ތިބުމުގައި އެއްވެސް ހުރަހެއް ނެތްކަމުގައި ވެސް އެ އެންގުމުގައި ބުނެފައިވެއެވެ.