ޚަބަރު

ކޯވިޑް-19: ޢާއްމުންގެ އެއްބާރުލުން ނުލިބޭނަމަ މިކުރެވެނީ ބޭކާރު މަސައްކަތެއް - ޑރ.ނަޒްލާ


ކޯވިޑް-19އިން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ބޯނުލަނބާނަމަ ކަމާބެހޭ ފަރާތްތަކުން މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާއެއް ނުފެންނާނެކަމަށް، އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ.ފާތުމަތު ނަޒްލާ ވިދާޅުވެއްޖެއެވެ.

މިއީ ހަމައެކަނި ކަމާބެހޭ ފަރާތްތަކުގެ ޒިންމާއެއް ނޫންކަމަށާ މިއީ އެންމެންގެ ޒިންމާއެއްކަމަށް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކާއި މިމަސައްކަތުގެ ނަތީޖާއާ ގުޅޭ މަޢުލޫމާތު ހާމަކުރެއްވުމަށް ކޮންމެދުވަހަކުވެސް ސިލްސިލާކޮށް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުން އާދެއެވެ. މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ކޮމިއުނިކަބަލް ޑިސީސް ޑިޕާޓްމަންޓްގެ ހެޑް ޑރ.ނަޒްލާ ވިދާޅުވީ ކޯވިޑް-19 އިން ރައްކާތެރުވުމުގެ މަސައްކަތްކުރުމަކީ ހަމައެކަނި ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭކަމެއް ނޫންކަން ޤަބޫލުކުރަންޖެހޭކަމަށެވެ.

މިކަމުގައި އަމިއްލަ ފަރުދުންގެ ޒިންމާވެސް ވަރަށްބޮޑުކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ. މިހާތަނަށް ވަރަށް ބޮޑެތި އަދި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ އަޅަމުންދާ ފިޔަވަޅުތަކަށް ޢާއްމުން ޢަމަލު ނުކުރާނަމަ އޭގެ އެއްވެސް ބޭނުމެއް ނެތްކަމަށެވެ.

"އަޅުގަނޑުމެން އެކަނި ކުރާ މަސައްކަތަކުން މިކަމެއް ކާމިޔާބެއް ނުވާނެ. އަޅުގަނޑުމެންގެ މަސައްކަތެކޭ އެއްވަރަށް ތިބޭފުޅުން ނޫސްވެރިންގެ ވެސް މިކަމުގަ ޒިންމާއެއް އޮންނާނެ. ޢާއްމު ފަރުދުންގެވެސް ޒިންމާއެއް އޮންނާނެ. އަޅުގަނޑުމެން ނުކައިނުބޮއެ ޢާއިލާތައް ދޫކޮށް އައިސް މިހާ ބުރަ މަސައްކަތް ކުރުމުގެ އެއްވެސް ބޭނުމެއް ނޯންނާނެ އާޅުގަނޑުމެން އަންގާ އިރުޝާދުތަކާ އެއްގޮތައް މީހުން ޢަމަލުނުކުރާނަމަ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19އަށް ރާއްޖެއިން 10 މީހަކު ޕޮޒިޓިވް ވެފައިވާއިރު އެމީހުންނާ ދިމާވިކަމަށް ބެލެވޭ މީހުންނާއި "ކޮންޓެކްޓް ޓްރޭސިން"ގެ ތެރެއިން ހައިރިސްކް މީހުންނާއި ލޯރިސްކް މީހުން ވަކިކޮށް އަމިއްލައަށް ގޭގައި ނުވަތަ ރިސޯޓުގައި އެކަހެރިވުމަށްވަނީ އަންގާފައެވެ. އަދި މިފަރާތްތަކުން ގޭގައި ދެންތިބޭ މީހުންނާ އެކުވެ އަދި ރަށުތެރެއަށް ނުކުމެ ނޫޅުމަށް އެޗްޕީއޭއިންވަނީ އަންގާފައެވެ.

އަދި ސްކޫލްތަކާއި ކޮލެޖް ޔުނިވަރސިޓީތައް ބަންދުކުރުމާ ގުޅިގެން އަތޮޅުތެރޭގައިވެސް އެއްރަށުން އަނެއްރަށަށް ގޮސް ނޫޅުމަށާއި ޕިކްނިކް ދިޔުމާއި މީހުން އެއްވެއުޅޭ ސަރަޙައްދުތަކަށް ނުދިޔުމަށްވެސް އަންނަނީ އިރުޝާދު ދެއްވަމުންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.ނަޒްލާ ވިދާޅުވީ މިގޮތަށް ޢަމަލު ނުކުރާނަމަ އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ނުފެންނާނެނަކަމަށެވެ.

"ހުރިހާ ފަރާތަކުންވެސް އަޅުގަނޑުމެން އިރުޝާދު މިދޭގޮތަށް ޢަމަލުކޮށްގެން ނޫނީ މިކަމެއް ނުވާނެ. މިތަނުގެ އިތުރުން އަތޮޅުތެރޭގެ އެކި ސަރަޙައްދުތަކުގައި ކުރަމުންދާ މސައްކަތުގެ ނަތީޖާއެއް ނުފެންނާނެ. މީގެ މާނައަކީ އަޅުގަނޑުމެން އައިސޮލޭޝަންއަށް ދާން އެޑްވައިޒް ކުރާ ފަރާތްތަކުން އައިސޮލޭޝަނަށް ދިޔުމާއި ދެންވެސް އެޗްޕީއޭއިން މިނެރޭ އިރުޝާދުތަކަށް ސަމާލުވުމަށް އަޅުގަނޑު އިލްތިމާސްކުރަން." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މިހާރުވަނީ ސްކޫލްތަކާއި ކޮލެޖް ޔުނިވަރސިޓީތައްވެސް ބަންދުކޮށްފައެވެ. އަދި ޓޫރިސްޓުން ގްރޭޓަރ މާލެ ސަރައްޙައްދުގެ ގެސްޓް ހައުސްތަކާއި ހޮޓެލްތަކަށް އައުންވެސްވަނީ ހުއްޓުވާފައެވެ. އަދި ޢާއްމުކޮށް ކޮންމެހެން ދަތުރުކުރަން ޖެހިގެން ނޫނީ މިދުވަސްވަރު ދަތުރުނުކުރުމަށްވެސް ވަނީ އަންގާފައެވެ.