ޚަބަރު

ކޯވިޑް-19: ޔޫރަޕްގެ ތިން ޤައުމަކުން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލުމަށް ނިންމައިފި


ޔޫރަޕްގެ ތިން ޤައުމަކުން ރާއްޖެއަށް ވަގުތީގޮތުން ދަތުރުތައް ހުއްޓާލުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތް އަދި ސްޕެއިންއިން ރާއްޖެއަށް ކުރާ ދަތުރުތައް މިރޭ 12ގެ ފަހުން ހުއްޓާލުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ފްރާންސް އަދި ޖަރުމަނުވިލާތުން ދަތުރުތައް ހުއްޓާލުމަށް ނިންމާފައި ވަނީ އެޤައުމުތަކުގެ ވަކި ސަރަޙައްދުތަކުންކަމަށެވެ.

ޔޫރަޕްގެ ގިނަ ޤައުމުތަކުން ކޮރޯނާވައިރަސް ފެނި ހަލުވިކަމާއެކު ފެތުރެމުންދާއިރު މިއީ ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން އެޅި މުހިއްމު ފިޔަވަޅެއްކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

"ސަރުކާރުން މިވަނީ ނިންމާފަ މިރޭ 12 ގެ ފަހުން ސްޕެއިންގެ އެއްވެސް ސަރަޙައްދަކުން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓާލުމަށް. އޭގެ އިތުރުން ޖަރުމަނާއި ފްރާންސްއިން ވެސް މިރޭ 12 ގެ ފަހުން ފަތުރުވެރިންނަށް ނާދެވޭގޮތް މިވަނީ ހަދާފަ." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ސަރުކާރުން މިހާތަނަށް ވަނީ 7 ޤައުމަކުން ރާއްޖެއަށް ދަތުރުކުރުން މަނާކޮށްފައެވެ. އަލަށް ދަތުރުފަތުރުކުރުން މަނާކުރި ތިން ޤައުމުގެ އިތުރުން ސަރުކާރުން ވަނީ ޗައިނާ، އިޓަލީ، ސައުތު ކޮރެއާ އަދި އިރާނުން ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ.

ޔޫރަޕްގެ އިތުރު 3 ޤައުމަކުން ރާއްޖެއަށް ދަތުރުތައް މެދުކަނޑާލާފައިވާއިރު ޔޫރަޕަކީ ރާއްޖޭއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ.

މިއަހަރުގެ ޖެނުއަރީ މަހު އެކަނިވެސް 95000 ވުރެގިނަ ފަތުރުވެރިން ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރާތްކުރިއެވެ.

މީގެ ތެރެއިން އިޓަލީ، ރަޝިއާ، ޖަރުމަނު އަދި ފްރާންސަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރާ ޤައުމުތަކެވެ.