ޚަބަރު

ޔުނިވަރސިޓީތަކާއި ކޮލެޖްތައް 2 ހަފްތާއަށް ބަންދުކުރަން އަންގައިފި


ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ހިންގާ ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް 2 ހަފްތާއަށް ބަންދުކުރުމަށް އަންގައިފިއެވެ.

ޔުނިވަރސިޓީތަކާއި ކޮލެޖުތައް ބަންދުކުރުމަށް އަންގާފައިވަނީ އާންމު ސިއްޚަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިންނެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް 2 ހަފްތާއަށް ސްކޫލްތައް ބަންދުކުރުމަށް އަންގާފައިވާއިރު މިއަދުން ފެށިގެން ތަޢުލީމީ އިދާރާތަކުން މިކަން ތަންފީޒުކުރުމަށް އެޗްޕީއޭއިން ވަނީ ގޮވާލާފައެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން މިހާރު ވަނީ އެއް ހަފްތާއަށް ސްކޫލުތައް ބަންދުކޮށްފައެވެ. ސްކޫލުތައް ހުޅުވުން އެއް ހަފްތާއަށް ސަރުކާރުން ފަސްކުރީ ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު ހުރިގޮތް އިތުރަށް ދެނެގަތުމަށްޓަކައެވެ.

ސްކޫލްތައް ހުޅުވުމުގެ ކަންކަން ދެން ހަމަޖައްސާނީ ރާއްޖެ ހާލަތު ދެނެގަތުމަށްފަހު އެކަމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބެލުމަށްފަހުކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ސަރުކާރުން ވަނީ ސްކޫލްތައް ވަކި މުއްދަތެއް ނެތި ބަނދުކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ އޮންލައިންކޮށް ނުވަތަ ބްރޯޑްކާސްޓްކޮށްގެން ކިޔަވައިދިނުން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސާނެކަމަށްވެސް ވިދާޅުވެފައެވެ.

ސްކޫލްތައް ބަންދުކުރުމާއެކު ގިނަ ސްކޫލްތަކުން މިހާރުދަނީ އޮންލައިންކޮށް ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދެމުންނެވެ.