ޚަބަރު

ޚުތުބާ އާއި ހުކުރު ނަމާދު ކުރުކުރަން އަންގައިފި


ޚުތުބާ ކުރުކޮށް މާދަމާގެ ހުކުރު ނަމާދުގައި ވީހާވެސް ކުރުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

ހުކުރު ނަމާދުގައި ކުރު ސޫރަތެއް ކިޔަން އަންގާފައިވަނީ ދުނިޔޭގައި މިހާރު ފެތުރިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، ޖަމާއަތުގައި ވީހާ ވެސް މަދު ވަގުތުކޮޅެއް ހޭދަކުރުމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މިގޮތުން ހުކުރު ނަމާދުގައި ވީހާވެސް ކުރު ސޫރަތްތައް ކިޔެވުމަށް އިމާމުންނަށް އަންގާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. މި ހަފުތާގެ ޚުތުބާ ވެސް މިފަހަރު ކުރުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މާދަމާގެ ޚުތުބާ ހާއްސަކޮށްފައިވަނީ ބަލި ހާލަތެއް މެދުވެރިވުމުން މުސްލިމުން އަމަލުކުރަންވީ ގޮތުގެ މައްޗަށެވެ.

ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ މި ދުވަސްވަރު މިސްކިތްތަކަށް ނުދާން އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ. މިގޮތުން އެފަދަ މީހުން މިސްކިތުގެ ޖަމާއަތަށް ނުދިއުމަށާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ވެސް މިސްކިތުގެ ޖަމާއަތުގައި ބައިވެރިނުވާން އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކުގައި ހުރި ކާޕެޓް ނަގަން ލޯކަލް ގަވަމެންޓް އޮތޯރިޓީން ވަނީ ކައުންސިލްތަކަށް އަންގާފައެވެ. މއީ އެކި ގައުމުތަކުގައި ހަލުވިކަމާ އެކު ފެތުރޭ ކޯވިޑް-19 އާ ގުޅިގެން، ރާއްޖެ އިން އެކުލަވައިލާފައިވާ އެޑްވައިޒަރީ ގްރޫޕުގެ ނިންމުމެއްކަމަށް އެލްޖީއޭއިން ވިދާޅުވެއެވެ.