ޚަބަރު

އިންޑިއާއަށް ކޮންމެހެން ދާން ޖެހޭ ދިވެހިންނަށް އެޤައުމަށް ދިއުމަށް ވިސާ ދޫކުރަނީ


ކޮންމެހެން އިންޑިއާއަށް ދާން ޖެހޭ ދިވެހިންނަށް އެޤައުމަށް ދިއުމަށް ވިސާ ދޫކުރުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މި އިންތިޒާމް ހަމަޖައްސައިފިކަން އިންޑިއާ ހައިކޮމިޝަނުން ހާމަކޮށްފައި ވާއިރު، އެ ޤައުމުން ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް އެއްވެސް ގައުމަކުން އިންޑިއާއަށް އަންނަ މީހަކަށް ޓޫރިސްޓު ވިސާ ނުދޭން ނިންމާފައިވާކަން ހާމަކޮށްފައެވެ. ހައިކޮމިޝަނުން ވަނީ، މަގުބޫލު ސަބަބަކާއި ގުޅިގެން ކޮންމެހެން އިންޑިއާއަށްދާން ބޭނުންވާ ދިވެހީންނަށް ހާއްސަ އިންތިޒާމެއްގެ ތެރެއިން އިންޑިއާއަށް އެތެރެވެވޭނެކަން ހާމަކޮށްފައެވެ. އެގޮތުން ދިވެހިންގެ ތެރެއިން އިންޑިއާއަށް ކޮންމެހެން ދާންޖެހޭ ފަރާތްތަކުން އިންޑިއާ ހައިކޮމިޝަނަށް ހުށައެޅުމަށް ވަނީ އެދިފައެވެ.

މިނިސްޓަރ ޝާހިދު ކުރެއްވި ޓުވީޓް

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާއިން ދިވެހިންނާއެކު ބާއްވާ ގާތް ގުޅުމަށް ޝުކުރު އަދާކުރައްވާކަމަށެވެ. އެގޮތުން މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފައި އަމިއްލަ ރައްކާތެރިކަން އިސްކުރުމަށް މިނިސްޓަރ ޝާހިދު ވަނީ ގޮވާލައްވާފައެވެ.

ކޮންމެހެން އިންޑިއާއަށް ދާން ޖެހޭ ދިވެހިންނަށް އެޤައުމަށް ދިއުމަށް ވިސާ ދޫކުރުމުގެ އިންތިޒާމު ހަމަޖައްސައިފައިވާއިރު، ދިވެހިންނަށް ލަންކާއިން އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިހާރު ވަނީ ހާމަކުރައްވާފައެވެ. ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހަށް ލަންކާގެ ރައްޔިތަކު ޕޮޒިޓިވްވުމާއި ގުޅިގެން، ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދިނުން ލަންކާއިންވަނީ މެދުކަނޑާލައިފައެވެ.

އެހެން ނަމަވެސް ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދިވެހިންނަށް އަދިވެސް އޮންއެރައިވަލް ވިސާ ލިބޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.