ޚަބަރު

ކޯވިޑް-19 ރާއްޖޭގައި ނުފެތުރޭނެފަދަ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް، ރައީސް އިރުޝާދުދެއްވައިފި


ރާއްޖޭގައި ކޯވިޑް-19 ނުފެތުރޭނެފަދަ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް، ނޭޝަނަލް އިމަރޖަންސީ ޓާސްކްފޯހާއި ކަމާއިގުޅުހުންހުރި އިދާރާތަކަށް ރައިސުލްޖުމްހޫރިއްޔާ އިރުޝާދުދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިރުޝާދުދެއްވާފައިވަނީ ކޯވިޑް-19 އިން ރާއްކާތެރިވުމަށް މަސައްކަތްކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ އިމަޖެންސީ ޓާސްކްފޯހާއި ކަމާގުޅުންހުރި އިދާރާތަކާއި ރޭ، މުލީއާގޭގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، ޑިފެންސް މިނިސްޓަރާ، ހޯމް މިނިސްޓަރުގެ އިތުރުން ޓޫރިޒަމް މިނިސްޓަރުގެ ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް 8 މީހަކު ރާއްޖެއިން ފެނުމާ ގުޅިގެން، މިހާރުން މިހާރަށް އިތުރަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ. އަދި މި ބަލި ކޮންޓްރޯލް ކުރެއްވުމަށްޓަކައި ހާލަތަށް ބަލައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ. މިއީ، ވީހާވެސް ތެދު މަޢުލޫމާތު ރައްޔިތުންނަށް އޮޅުންފިލުވައިދީ، ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ ގޮތަކަށް ކަންކަން ވިޔަ ނުދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ވަގުތު ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް19 އަށް 8 ބިދޭސީއަކު ވަނީ ޕޮޒިޓިވްވެފައެެވެ.