ޚަބަރު

ކޯވިޑް-19: ޕޮޒިޓިވް ކޭސްތައް ފެނުނު ރަށްރަށުގެ ޙާލަތު ދަނީ ވަރަށް ގާތުން ބަލަމުން: ސަރުކާރު


ކޯވިޑް-19ގެ ކޭސްތައް ފެނިފައިވާ ރިޒޯޓުތަކުގެ ޙާލަތު ވަރަށް ގާތުން ބަލަމުން އަންނަކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

އެގޮތުން އެރަށްރަށުގައި ޑޮކްޓަރުންގެ ޚާއްސަ ޓީމުތައް މަސައްކަތްކުރަމުން އަންނަކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކޯވިޑް-19އާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައިސް އޮފީހުން ކޯވިޑް-19އާއި ގުޅޭ މައުލޫތާތު ދިނުމަށް ކަނޑައަޅުއްވާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެރަށް ރަށުގައި ތިބި މީހުންގެ ކަންބޮޑުވުންތައް ވިސްނޭކަމަށެވެ. އަދި ރަށުގެ ޙާލަތު ވަރަށް ގާތުން ބަލަމުން އަންނަކަމަށެވެ.

މީގެއިތުރުން ކޯވިޑް-19ގެ ކޭސްތައް މިހާތަނަށް ފެނިފައިވާ ކުރެއްދޫ އާއި ބަތަލާއި އައި ކުރަމަތީގައި ޑޮކްޓަރުންގެ ޓީމުތައް މިހާރުވެސް ޙާލަތު ދެނެގަތުމަށް ރިސްކް އެސަސްމަންޓުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެރަށްރަށުގެ ޙާލަތާއި ގުޅޭގޮތުން ޑޮކްޓަރުން ކުރައްވާ މަސައްކަތްތަކަށް ސަރުކާރުން ފުރިހަމަ އިތުބާރުއެބައޮތްކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ކޯވިޑް-19ގެ ކޭސްތައް ފެނިފައިވާ ކުރެއްދޫގައި 4 މީހަކު މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ. އަދި އެރަށުގައި ވައިރަސް ހުރި މީހުންނާއި ބައްދަލުވި މީހުންގެތެރެއިން 99 މީހަކު ވަނީ ދެނެގަނެވި އައިސޮލޭޓް ކުރެވިފައެވެ. އަދި ބަތަލާއިން 2 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު މިހާތަނަށް 17 މީހަކު ވަނީ އައިސޮލޭޓްކޮށްފައެވެ. އަދި ކުރަމަތިންވެސް 2 މީހަކު ޕޮޒިޓިވްވެފައިވާއިރު 20 މީހަކު އެރަށުން އައިސޮލޭޓްކޮށްފައި ވެއެވެ.