ޚަބަރު

5808 މީހެއްގެ ވޯޓު ސިއްރުކުރެވޭނެ ގޮތެއް ނެތް


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ރީ-ރަޖިސްޓްރީކޮށްފައިވާ ގޮތުން 5808 މީހެއްގެ ވޯޓް ސިއްކުރެވޭނެ ގޮތެއް ނެތްކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާސް ލިސްޓާގުޅޭގޮތުން ޤައުމީ ލަފާދޭ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ވޯޓާސް ލިސްޓު މިއަދު އެކޮމިޝަނުން އާންމުކޮށްފައިވާކަމަށެވެ. ލިސްޓު ޢާންމު ކޮށްފައިވަނީ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުސަތަށްފަހު ލިސްޓަށް ގެންނަންޖެހޭ ބަދަލުތަކާއެކުކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ލިސްޓްގައި މިހާރު އޮތްގޮތުން 5808 މީހެއްގެ ވޯޓު ސިއްރު ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އެވޯޓު ސިއްރުނުވަނީ ރީ-ރަޖިސްޓްރީކޮށްފައިވާ ގޮތުންކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން މިމީހުން ލާ ވޯޓުތައް އެވޯޓު ދިރާސާކުރާ މީހުންނަށް ދެނެގަނެވޭނެކަމަށެވެ. އަދި މިކަން ޙައްލުކުރަން ބޭނުންވާ ފަރާތްތަކަށް ލިސްޓު ޢާންމުކޮށްފައިވާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ވަގުތެއް ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި ފައިނަލް ވޯޓާސް ލިސްޓް މިމަހުގެ 14ވަނަ ދުވަހު ޢާންމު ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުންދަނީ އިންތިޚާބުގެ އެންމެފަހުގެ ތައްޔާރީތައްކަމަށެވެ. އެގޮތުން ވޯޓު ކަރުދާސް ޕްރިންޓުކުރުމަށް ހަވާލުކުރެވުނު ފަރާތާއި މިއަދު ބައްދަލުކޮށް ޕްރިންޓު ކުރުމުގެ މަސައްކަތް އަންނަ ހަފްތާގެ އާދީއްތަދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ވޯޓު ޕްރިންޓުކުރުމަށް ކަނޑައެޅިފައިވަނީ 48 ގަޑިއިރުގެ ވަގުތެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

އިންތިޚާބަށް ތައްޔާރުކުރާ އޮފިޝަލުންނަށް ޓްރެނިންގ ދިނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށާ، ރާއްޖޭގެ ހުރިހާ ރަށެއްގައި އޮފިޝަލުން ތަމްރީންކުރުމުގެ މަސައްކަތް އާދީއްތަ ދުވަހު ފަށާނެކަމަށް ޝަރީފް ވިދާޅުވިއެވެ. މިވަގުތު ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފައިވާ ފޮށި ތަކުގެ ތެރެއިން މާފުށީގައި ބަހައްޓާ ފޮށިތައް ފިޔަވައި ހުރިހާ ފޮއްޓަކަށް އޮފިޝަލުން ހަމަޖެހިފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ 4ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުކުމަށް އިލެކްޝަނަށް ފޯމް ހުށަހަޅާފައިވަނީ 2435 މީހެކެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކުރިމަތިލާފައިވަނީ 1817 މީހުންނެވެ. މިފަހަރުގެ އިންތިޚާބްގައި ވޯޓް ކަރުދާސް ޗާޕްކުރުމަށް ހަމަޖެހިފައިވަނީ ކުލަކޮށް ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.