ލޯކަލް ކައުންސިލަތަކުގެ އިންތިޚާބު ފަސްކޮށްފިނަމަ އިންތިޙާބަށް އިތުރު 30 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ކޯވިޑް -19 ފެނުމުން އަންނަ މަހުގެ 4 ވަނަދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިންތިޚާބު ލަސްކުރުމަށް ބައެއް ފަރާތްތަކުން އަންނަނީ އެދެމުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ އިންތިޚާބު ފަސްކުރުމުގެ ޤާނޫނީ ބާރު ނެތްކަމަށެވެ. އަދި އިންތިޚާބު ލަސްކުރަންޖެހޭ ހާލަތެއް އޮތްކަމަށް ކޮމިޝަނުގެ މެމްބަރުންނަށް ފެނިވަޑައިނުގަންނަވާކަމަށް ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ އިިންތިޚާބު ފަސްކޮށްފިނަމަ ދައުލަތުގެ ބަޖެޓުން އައިތު 30 ވަރަކަށް މިލިއަން ހަރަދުކުރަންޖެހޭނެކަމަށެވެ. އަދި ކޯވިޑް-19 ގެ މިހާލަތުގައި އެ އަދަދަށް ހަރަދުކުރުން ދަތިތަކާއި ކުރިމަތިވާނެކަމަށް ޤަބޫލުކުރައްވާކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
" ކޯވިޑްގެ މި ހާލަތުގައި ދައުލަތުގެ ބަޖެޓުން ދަށް ވަގުތެއްގައި އަނެއްކާ ސަޕްލިމެންޓަރީ ބަޖެޓުން އެ އަދަދު އެލޮކޯޓް ކުރެވި ދާނެތޯ މީ ސުވާލެއް. އަޅުގަޑުމެން އަދި ނެގޯސިއޭޝަނަކަށް ނުދަން " ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ އިންތިޚާބުގެ ކަންކަން ތާވަލުކޮށްފައިވަނީ ޤާނުނުގައި ބުނާ ތާރީހުތަކަށް ބަލައިގެންކަމަށެވެ. އެގޮތުން މިހާރު އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހުތައް ކަނަޑައަޅާފައި އެވަނީ ޤާނޫނުގައި ބުނާގޮތުން މިހާރު ތިބި ކައުންސިލްތަކުގެ މުއްދަތު ހަމަވުމުގެ 30 ދުވަހުގެ ކުރިން އިންތިޚާބުގެ ކަންކަން ނިމޭގޮތަށްކަމަށެވެ. އެގޮތުން ދެވަނަ ބުރަކަށް ދާންޖެހުނު ނަމަވެސް މިހާރު ތާވަލުކޮށްފައިވާ ގޮތުން ރޯދައިގެ ކުރިން އިންތިޚާބުގެ ކަންކަން އެކޮށް ނިންމާލެވޭނެކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. އަދި އިންތިޚާބު ލަސްކުރިޔަސް ކުރެވޭނީ 3 މޭގެ ނިޔަލަކަންވެސް ޝަރީފު ވަނީ ފާހަގަކުރައްވާފައެވެ.
" އަޅުގަޑުމެން އިންތިޚާބު ލަސްކުރިޔަސް ކުރެވޭނީ މިދެންނެވި ބްރީތިން ސްޕޭސް އަށް. އެ މުއްތަތަށް ލަސްކޮށްފިނަމަ ދެން އިންތިޚާބު ފޯލްވާނީ ރަމަޝާން މަހުގެ ފުރަތަމަ 10 އެއްގެ ތެރެއަށް. އެގޮތުން މިހާރު ތާވަލުކޮށްފައިވަނީ ރޯދައިގެ ކުރިން ނިންމާލުމަށް. " ކޮމިޝަންގެ ރައީސް ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ އިންތިޙާބު ލަސްކުރުމުގެ ބާރު ކޮމިޝަނުގައި ނެތް ނަމަވެސް ކޯޓުން ގޮތެއް ނިންމައިފިނަމަ އެގޮތަކަށް އިންތިޚާބުގެ ކަންކަން ކުރިޔަށް ގެންދަވާނެކަމަށެވެ.
އިންތިޚާބު ލަސްކުރަންޖެހިދާނެ ބައެއް ހާލަތްތައް ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވި އެފަދަ ހާލަތްތަތަލުގައި އަމަލުކުރާނެ ގޮތެއް ލަފައެއް ހޯދުމަށް ކޮމިޝަނުން ހައިކޯޓްގެ ފަނޑިޔާރުންނާއި ބައްދަލުކުރައްވާނެކަމަށެވެ. އެގޮތުން ވޯޓްލުމަށް ރީ ރަޖިސްޓްރީކޮށްފައިވާ ރިސޯޓެއް ނުވަތަ ބޭރުގެ ޤައުމެއްގައި ފޮށި ނުބެހެއްޓޭނެ ހާލަތަކަށް ގޮސްފިނަމަ އެކަމާއި މެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅަންޖެހޭކަމަށެވެ. ޝަރީފު ވިދާޅުވީ އަންނަ ކައުންސިލްތަކުގެ އިންތިޚާބުގައި ބޭރުގެ ހަތރު ޤައުމެއްގައި ވޯޓް ފޮށި ބަހައްޓަން ނިންމާއިވާއިރު ކޯވިޑް -19 ފެތުރެމުންދާތީ އިންޑިއާގެ ޓްރިވެންޑަރަމާއި މެލޭޝިއާގައި ވޯޓްލުން ކުރިޔަށް ނުގެންދެވިދާނެކަމުގެ ބިރު އެބައޮތްކަމަށެވެ.
- އިންޑިއާ (ޓްރިވެންޑަރަމް) / 400 ވުރެ ގިނަ މީހުން
- މެލޭޝިއާ / 15000 މީހުން
- ލަންކާ / 2500 މީހުން
- އިނގިރޭސިވިލާތް / 500 ވުރެ ގިނަ މީހުން
މި ޤައުމުތަކުގައި ވޯޓްލުން ކުރިޔަށް ގެންދިޔުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެ ޤައުމުތަކާއި ވާހަކަދައްކަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
އަންނަ ކައުންސިލް ިއންތިޙާބުގައި ވޯޓްލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދަކީ 269562 މީހުންނެވެ.