ޚަބަރު

ކޯވިޑް19: ޖަލުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި


ކޯވިޑް19އާ ގުޅިގެން ޖަލުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ވިދާޅުވީ ކޯވިޑް19އަށް ރާއްޖޭގައި ހަ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ޤައުމުގެ ޙާލަތު "ޔެލޯ އެލާޓަށް" މަތިކޮށްފައި ވާތީ، ރައްކާތެރިވުމަށް ޖަލުތަކުގައި ސަލާމަތީ ފިޔަވަޅުތަކެއް އަޅަންފަށާފައިވާކަމަށެވެ.

އެގޮތުން ޖަލުތަކުގައި މިވައިރަހާ ގުޅިގެން ސަލާމަތީ ކަންތައްތައް މޮނީޓަރކޮށް ބެލެހެއްޓުމަށް ޚާއްޞަ ޓާސްކްފޯސްއެއް އެކުލަވައިލައި، އެ ޓާސްކްފޯސްއިން ޖަލުތަކުގައި، މިވައިރަސްއާ ބެހޭ މައުލޫމާތު ހިއްސާކޮށް، ރައްކާތެރިކަމަށް ބޭނުންވާ މާސްކްފަދަ ތަކެތި ފޯރުކޮށްދޭނެކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވިއެވެ.

އެސަރވިސްއިން ވިދާޅުވީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި ނެޝަނަލް ޓާސްކްފޯސްއާ ގުޅިގެން ޤައުމީ ފެންވަރުގައި އަޅަން ހަމަޖައްސާފައިވާ އުޞޫލުތަކާއި އެއްގޮތަށް ޤައިދީންނާއި ބަންދުމީހުން އަދި ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުންގެ ސަލާމަތީ އެންމެހާ ކަންކަން ކުރަމުންދާކަމަށެވެ.

އެގޮތުން ހުން އައިސް، ކެއްސައި، ކިނބިހިއަޅާ އެއްވެސް އޮފިސަރަކު ޤައިދީންނާ ދިމާނުވާނޭފަދަ އިންތިޒާމްތައް ހަމަޖައްސާފައިވާއިރު، ޤައިދީއެއް ނުވަތަ ބަންދުމީހެއްގެ ކިބައިން މިފަދަ އަލާމާތްތައް ފާހަގަ ކުރެވިއްޖެ ހާލަތެއްގައި އަޅާނެ ފިޔަވަޅުތައް ކަނޑައަޅާފައިވާކަމަށް ކަރެކްޝަނަލް ސަރވިސުން ވިދާޅުވިއެވެ.

ޖަލަށް ޑިއުޓީކުރަން ވަންނަ އޮފިސަރުންގެ ހުން ޗެކް ކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާކަމަށާ ކޯޓުތަކުގެ އެދުމުގެ މަތިން ހުންއައިސް ކެއްސައި، ކިނބިހިއަޅައި ޤައިދީންނާއި ބަންދުމީހުން ކޯޓަށް ހާޒިރުކުރުން މަޑު ޖައްސާލުމަށް ނިންމާފައިވާކަމަށް އެސަރވިސްގެ ނޫސްބަޔާނުގައިވަނީ ވިދާޅުވެފައެވެ.

ޢާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތަކަށް އަންނަ އެއްވެސް ފަރާތެއްގެ ކިބައިން ރޯގާގެ އެއްވެސް ޢާލާމާތެއް ފާހަގަ ކުރެވިއްޖެނަމަ، އެ ބައްދަލުވުން ކެންސަލްކުރެވޭނެކަމަށާ، މިގޮތަށް ކެންސަލްވާ އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތަކުގެ ބަދަލުގައި ފޯނު ކޯލްގެ އިތުރު ފުރުޞަތެއް ދިނުމަށް ވަނީ ނިންމާފައެވެ.