ޚަބަރު

ތެދު މައުލޫމާތު އޮޅުންފިލުވައިދީ ނުތަނަވަސްކަން ނުއުފެދޭގޮތަށް އެންމެން ގުޅިގެން މަސައްކަތްކުރުން މުހިއްމު


މިވަގުތު ވީހާވެސް ތެދު މަޢުލޫމާތު ރައްޔިތުންނަށް އޮޅުންފިލުވައިދީ، ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ ގޮތަކަށް ކަންކަން ވިޔަ ނުދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ސަރުކާރުގެ ވުޒާރާތަކުން މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި، ޤައުމުގެ މިހާރުގެ ޙާލަތާބެހޭގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 އަށް ޕޮޒިޓިވް 6 މީހަކު ރާއްޖެއިން ފެނުމާ ގުޅިގެން، މިހާރުން މިހާރަށް އިތުރަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި މި ބަލި ކޮންޓްރޯލް ކުރެއްވުމަށްޓަކައި ހާލަތަށް ބައްލަވައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން މިހާރު ޔެލޯ އެލަރޓް ނެރެފައިވުމާއެކު، ސަރުކާރުގެ ޚަރަދުތައް ވީހާވެސް ބޮޑަށް ކުޑަކުރެއްވުމުގެ މުހިއްމު ކަމުގެ މައްޗަށާއި، ހުރިހާ އިދާރާއަކުންވެސް ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި އެހެން ޚަރަދުތައް މިވަގުތު ނުކުރެއްވުމަށް ބާރު އަޅުއްވައި ވަޒީރުންވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި ސަރުކާރުގެ ހުރިހާ ވުޒާރާތައް ގުޅިގެން މަސައްކަތްކޮށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމުގެ މުހިއްމު ކަންވެސް ވަޒީރުން ފާހަގަކުރެއްވިއެވެ.