ޚަބަރު

ކޯވިޑް19: ޝައްކުކުރެވޭ ބިދޭސީއަކު ފެނިގެން ރީތިރަށަށްވެސް އަރައިފޭބުން މަނާ


ރީތިރަށް ރިޒޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން، އޭނާ ކަރަންޓީނުކޮށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފިއެވެ. އެޗްޕީއޭއިން ވިދާޅުވީ މިއާއެކު އެރިސޯޓަށް އަރައިފޭބުންވެސް ވަގުތީ ގޮތުން ހުއްޓުވާފައިވާކަމަށެވެ.

މިއާއެކު ރާއްޖޭގައި އަރައިފޭބުން ވަގުތީ ގޮތުން ހުއްޓުވާފައިވާ ރިސޯޓު ހިންގާ ރަށްތަކުގެ ޢަދަދު މިވަނީ ފަހަކަށް އިތުރުވެފައެވެ. އެއީ އެންމެފަހުން މަނާކުރި ރީތިރަށް ރިސޯޓުގެ އިތުރުން ޅ.އަތޮޅު ކުރެއްދޫ އައިލެންޑް ރިސޯޓާއި އއ.އަތޮޅުގައި ހިންގާ ސޭންޑީޒް ބަތަލާ އައިލެންޑްގެ އިތުރުން އދ.އަތޮޅު ވިލަމެންދޫ އައިލެންޑް ރިސޯޓާއި އއ.ކުރަމަތި މޯލްޑިވްސްއެވެ.

އެޗްޕީއޭއިން ވަނީ ރާއްޖޭގެ އެނޫން އެއްވެސް ރަށަކަށް އަރައިފޭބުން ހުއްޓައިލާފައި ނުވާކަން ހާމަކުރައްވާފައެެވެ. މިރައްތަކުގެ ތެރެއިން ބަތަލާ އައިލެންޑްގައި ތިބި 2 ބިދޭސީއެއްގެ ފަރާތުން ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން، އެ 2 މީހުން އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، މި ދެ މީހުންނަކީ ކުރިން އެރަށުން ޕޮޒިޓިވްވެފައިވާ ކޭސްއެއްގެ "ކްލޯސް ކޮންޓެކްޓްސް"ކަން ހާމަކުރައްވާފައެވެ. މީގެ ކުރިން ބަޠަލާ ރިސޯޓުން ޝައްކު ކުރެވުނު 2 މީހަކުވަނީ ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވަނީ ޖުމަލަ 6 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ މުޅިންވެސް ބިދޭސީންނެވެ.

ކޮވިޑް-19ގެ ޢަލާމާތްތައް ހުރިކަމަށް ބެލެވިގެން ޓެސްޓް ކުރި 2 ދިވެއްސެއްގެ ގައިގައި ވައިރަހުގެ އަސަރެއް ނެތްކަން ޓެސްޓްތަކުގެ ނަތީޖާއިން ވަނީ ދައްކާފައެވެ. ކޮވިޑް-19އަށް ޝައްކުވެގެން މިހާތަނަށް ރާއްޖެއިން 24އަށްވުރެ ގިނަ މީހުން ޓެސްޓްކޮށްފައެވެ.