ވިޔަފާރި

ކޯވިޑް-19 އާއި ގުޅިގެން މާގިރި ހޮޓެލް ވަގުތީގޮތުން ބަންދުކޮށްފި


ކޯވިޑް-19 އާއި ގުޅިގެން މާގިރި ހޮޓެލް ވަގުތީގޮތުން ބަންދުކޮށްފިއެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޤައުމަށް ދިޔަ ފަހުން ކޯވިޑް-19 އަށް ޕޮޒިޓިވް އިޓަލީވިލާތުގެ ފަތުރުވެރިޔާ ފުރައިގެން ދިޔުމުގެ ކުރިން މާގިރި ހޮޓެލްގައި ދެދުވަހު މަޑުކުރިކަމަށް ކަމާބެހޭ އިދާރާތަކުން މަޢުލޫމާތުދެއެވެ.

މިކަމާއި ގުޅީގެން މާގިރި ހޮޓެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާގިރި ހޮޓްލްގެ މުވައްޒަފުންނާއި އަދި ކަސްޓަމަރުންގެ ސަލާމާތަށްޓަކައި ހޮޓެލް ވަގުތީގޮތުން ބަންދުކޮށް މުޅި ހޮޓެލް ޑިސް-އިންފެކްޓްކުރުމަށް ނިންމާފައިވާކަމަށެވެ.

މާގިރި ހޮޓެލްއިން ބުނީ ޑިސް-އިންފެކްޓުކުރުމުގެ މަސައްކަތަށްފަހު މާޗް 16 ވާ ހޯމަދުވަހު ހޮޓެލްގެ މަސައްކަތްތައް އަލުން ފަށާނެކަމަށެވެ. މި މުއްދަތަށް ފަހު އެހޮޓެލްގެ ޚިދުމަތްތައް ކަސްޓަރަމުންނާއި ހަމައަށް އިތުރަށް ފުރިހަމައަށް ގެނެސްދޭނެކަމަށްވެސް މާގިރި ހޮޓެލްއިން ބުނެއެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީ މީހާ މާގިރި ހޮޓެލްގައި މަޑުކޮށްފައިވުމާއިއެކު މާގިރި ހޮޓެލްގައި 15 މީހަކު މިހާރު ވަނީ ރޫމް އައިސޮލޭޝަންގައި ބައިތިއްބާފައެވެ.

މިއިން އެއްވެސް ފަރާތެއްގެ ކިބައިން މި ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެއެވެ.

މާގިރި ހޮޓެލްގެ އިތުރުން ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީމީހާ ވަނީ ޔުނިވާސަލްގެ ޓިކެޓިންގ އޮފީހަށް ވެސް ޒިޔާރާތްކޮށްފައެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ޔުނިވާސަލްގެ ޓިކެޓިންގ އޮފީހުގައި ފަތުރުވެރިޔާ އާއި ކޮންޓެކްޓްވި މުވައްޒަފުގެ ކިބައިގައި ކޯވިޑް-19 ވައިރަހުގެ އަސަރެއް ނެތްކަން ހާމަކުރައްވާފައެވެ..