އަތޮޅުތައް

ހޯރަފުށީ ކައުންސިލުން ދެ ސްކޯލަރޝިޕެއް ތަޢާރަފް ކޮށްފި


ހޯރަފުށީ ކައުންސިލްގެ ދެ ސްކޮލަރޝިޕަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕަކީ ހޯރަފުށްޓަށް ނިސްބަތްވާ މީހުންގެ ތެރެއިން، މަތީ ސާނަވީ ތަޢުލީމް ނިންމާފައިވާ މީހުންނަށް ޚާއްޞަ ކޮށްގެން ސިވިލް އިންޖިނިއަރިންގ ދާއިރާއިންނައި ޞިއްޙީ ދާއިރާއިން މެޑިކަލް އޮފިސަރ ކަން ކިޔަވަން ފުރުޞަތު ހޯދައި ދިނުމަށް ހުޅުވާލާފައިވާ 2 ސްކޯލަރޝިޕެވެ.

މިކޯހުގައި ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ހާޞިލް ކުރުމުގެ ފުރުޞަތު ދެ މީހަކަށް ލިބެިގެން ދާނެއެވެ. މިއީ ހޯރަފުށީ ކައުންސިލުން، 100،000.00 (އެއްލައްކަރުފިޔާ) ދޭ ގޮތަށް ފަރުމާ ކޮށްފައިވާ ސްކޮލަރޝިޕެކެވެ. ހޯރަފުށީ ކައުންސިލުން ބުނީ ކޮންމެ އަހަރަކުވެސް މިފަދަ ދެ ފުރުޞަތެއް އާއްމުންނަށް ހުޅުވާލަން ނިންމާފައިވާކަމަށެވެ.

މި ސްކޮލަރޝިޕް ކުރިއަށް ގެންދިއުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހއ. ހޯރަފުށީގެ ސިވިލް އިންޖިނިއަރިންގއާއި، މެޑިކަލް އޮފިސަރުންގެ ދާއިރާއިން މަސައްކަތް ކުރާ ޤާބިލް މީހުން ބިނާކުރުމާއި، ހޯރަފުށީ ދަރިވަރުންގެ ތެރެއިން މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންންގެ ޢަދަދު އިތުރުކުރުމާއި، ސިވިލް އިންޖިނިއަރިންގ ދާއިރާ އާއި، ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރުން ހިމެނެއެވެ. މީގެ އިތުރަށް ހޯރަފުށީގައި މަތީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ނުލިބިވާ ފަރާތްތަކަށް އެފުރުޞަތު ހޯދައި ދިނުންވެސް ހިމެނެއެވެ.

މި ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ އެއްމަސް ދުވަހުގެ މުއްދަތަށެވެ.