ޚަބަރު

ޓްރެވެލް ކްލިނިކްގެ ޚިދުމަތް މާދަމާއިން ފެށިގެން ލިބޭނެ


މާދަމާއިން ފެށިގެން ޓްރެވެލް ކްލިނިކްގެ ޚިދުމަތް ލިބޭނެކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ކޮވިޑް-19އަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19އާއި ގުޅޭ މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ސްޕޯކްސްޕަރސަން މަބްރޫކް އަޒީޒް ވިދާޅުވީ ޓެރެވެލް ކްލިނިކްގެ ޚިދުމަތް މާދަމާ ހެނދުނު 10ން ފެށިގެން ލިބޭނެކަމަށެވެ.

މި ކްލިނިކް ހުންނާނީ މާލެ ހިޔާ 2 ފުރަގަހުގައެވެ. ބަލީގެ އަލާމަތްތައް ފެންނަ ނަމަ ރާއްޖެ އައިސްއުޅޭ ބޭރު މީހުންނާއި، އަދި ބޭރަށް ދަތުރުކޮށް ރާއްޖެ އަންނަ ދިވެހިންނަށްވެސް މި ކްލިނިކަށް ދެއްކޭނެއެވެ.

"ބޭރުން އަންނަ މީހެއްގެ ގައިން ކޮވިޑަށް ޝައްކުވާ އަލާމާތެއް ފެނިއްޖެނަމަ އާއްމު ހޮސްޕިޓަލްތަކަށް ދިއުމުގެ ބަދަލުގައި، މި ކްލިނިކަށް އައިސް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކުރަން." މަބްރޫކް ވިދާޅުވިއެވެ.

ބޭރުން އައްނަ މީހުންނަށް ވަކި ކްލިނިކެއް ހެދުމަށް ނިންމީ އާއްމުން ސިއްޙީ ޚިދުމަތް ހޯދަންދާ ތަންތަނަށް ދިއުމުގެ ބަދަލުގައި، ޚާއްސަވަކި ތަނަކުން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ.

ކޮވިޑް 19އަށް ރާއްޖެއިން މިހާތަނަށް 6 މީހުން ވަނީ ޕޮސިޓިވްވެފައެވެ. އަދި މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި ހުރިހާ މީހުންނަކީވެސް ބިދޭސީންނެވެ.