ތަޢުލީމު

އާ މަންހަޖުގެ ދެވަނަ މަރުހަލާއަށް އަންނަ އަހަރު އަމަލުކުރަނީ


ޤައުމީ އާ މަންހަޖުގެ ކީ-ސްޓޭޖް ދެއަކަށް ތައްޔަރާވުމުގެ ގޮތުން އޯގަސްޓްމަހުގެ ތެރޭ، ތަމްރީން ޕްރޮގްރާމްތަކެއް ފެށުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ޤައުމީ އާ މަންހަޖުގެ ކީ- ސްޓޭޖް ދޭއް އަމާޒުކޮށްފައިވަނީ ގްރޭޑް 4،5 އަދި 6 ދަރިވަރުންނަށެވެ.ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، ޤައުމީ އާ މަންހަޖުގެ ކީ-ސްޓޭޖް ދެއަކަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި، އަތޮޅުތަކުން އެންބެސެޑަރުންގެ ގޮތުގައި ޤާބިލު ބޭފުޅުން  ތަމްރީންކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގައި އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާނެކަމަށް ސްޓޭޓް މިނިސްޓްރަ ވިދާޅުވިއެވެ. މިގޮތުން ޓީޗަރުންނާއި، ލީޑިންގ ޓީޗަރުންގެ އިތުރުން ޕްރިންސިޕަލުނަށް އަމާޒުކޮށްގެން ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ދެވަނަ ޓާމްގެ ކިޔެވުން ފެށުމާއެކު ގްރޭޑް 4،5 އަދި 6 ގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މާއްދާތަކާއި ގުޅޭގޮތުން ބެލެނިވެރިންނަށްވެސް ޚާއްސަ ޕްރޮގްރާމްތަކެއް ހިންގާނެކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.ސްޓޭޓް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ ޕްލޭނާއި އެއްގޮތަށް ކަންކަން ކުރިއަށްދާނަމަ، މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އާ މަންހަޖުގެ ކީ-ސްޓޭޖް ދެއަކަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ތައްޔާރުކޮށް، އެތަކެތި ރާއްޖެގެނެވި، ހުރިހާ ސްކޫލުތަކަކަށް އެފޮތްތައް ބެހޭވަރުވާނެކަމަށެވެ. އަދި މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ އެ އަމާޒަށް ވާސިލުވުމަށް ކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. ދެވަނަ ޓާމްގެ ކިޔެވުން އޮގަސްޓް ދޭއްގައި ފެށުމާއެކު، ޓީޗާރޒް ރިސޯސް ސެންޓަރ، ޓީ.އާރ.ސީ ކޯޑިނޭޓަރުންގެ އެހީއާއެކު ރާއްޖޭގެ ހުރިހާ ސްކޫތަކެއްގައި ޤައުމީ މަންހަޖު ތަންފީޒުކުރެވެމުންދާ މިންވަރު ބެލުމަށްޓަކައި މިނިސްޓްރީން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މިފަދަ ދަތުރުތަކުގައި އެއްކުރެވޭ މައުލޫމާތު، އާއްމުންނަށް ހިއްސާކުރަމުން ދާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.