ރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމުގައި ދަތިކަމެއް ކުރިމަތިވެ އަގުބޮޑުވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކާބޯތަކެތި ވިއްކާނީ ލިމިޓްކޮށްގެންކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވިދާޅުވެއްޖެއެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ކާބޯތަކެތީގެ ސަޕްލައި ކުރުމަށް އައިސްދާނެ ބަދަލުތަކާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވިދާޅުވީ ކާބޯތަކެތީގެ އަގަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށާއި، ލިބުންވެސް ދަތިވެފައި ނުވާކަމަށެވެ.
އަދި މިހާރުވެސް ކާބޯތަކެތި ލިބެމުންދާ ފަދައިން ކުރިއަށް އޮން ތަނުގައި ވެސް ކާބޯތަކެތި ލިބިގެންދާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.
"އަޅުގަނޑުމެން ރައްޔިތުންނަށް ކަށަވަރުކޮށްދޭން ބޭނުންވަނީ މި ވައިރަހުގެ ސަބަބުން ކާބޯތަކެއްޗާއި އަދި އާންމު މުދާ އެތެރެކުރުމާއި ލިބުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް. ސަޕްލައި ޗެއިންތަކަށް ބުރޫއެއްނާރާ. އަޅުގަނޑު އެޝުއަރެންސް ދޭން ކާބޯތަކެއްޗަކަށް ރާއްޖެ ނުޖެހޭނެކަމަށް." މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.
ކޯވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފައި ވާއިރު، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ދުރާލާ ކާޑުގެ ބާވަތްތަކާއި އެހެނިހެން ބާވަތްތައް ގަނެ ގޭގޭގައި ސްޓޮކްކުރަމުންނެވެ.
މިނިސްޓަރ ވަނީ ކޯވިޑްއާއި ގުޅިގެން އަދި ރާއްޖެއަށް ކާބޯތަކެތީގެ ދަތިކަމެއް ނާންނަކަމަށާއި ރައްޔިތުން އެކަމާއި މެދު ކަންބޮޑުވެ ހާސްނުވުމަށް އިލްތިމާސްކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ކުރިއަށްއޮތް ތަނުގައި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަވެސް ކާބޯތަކެތި ލިމިޓްކޮށްގެން ވިއްކުމަށް ވިސްނާފައިވާކަމަށެވެ.
"ރައްޔިތުން ކަންބޮޑުވެއްޖެ ހާލަތެއްގައި އަޅުގަނޑުމެންނަށް ސަރުކާރަށް ލިބިފައިވާ ބާރުގެ ތެރެއިން ކޮންމެ އައިޑީ ކާޑަކަށް ވަކި ޢަދަދެއް ކަނޑައަޅާފަ އެވަރަށް ކާޑު ބަހައްޓާނަން އެހިސާބަށް ކަންތައް ގޮއްސިއްޔާ. އެކަމު އެއީ ވަރަށް ބޮޑު ތަކުލީފެއް. އެހިސާބަށް ދާ ދަނޑިވަޅެއް އަދި ނާދޭ. " މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ފައްޔާޟު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ވަރަށް ކާބޯތަކެތި ފޯރުކޮށްދެވެމުން ދާކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ކޯވިޑް-19ގެ ސަބަބުން މެދުވެރިވެދާނެ ހާލަތަކަށް މިހާރުވެސް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.