ޚަބަރު

ކޯވިޑް19: ސްކްރީންކުރި 37 މީހަކު ރާއްޖެއަށް އެތެރެވުމުގެ ހުއްދަނުދީ ފޮނުވާލި - މިނިސްޓަރ އަމީން


ރާއްޖޭގެ ޕޯރޓްތަކުން ކޯވިޑް-19އަށް މިހާތަނަށް ސްކްރީންކުރި މީހުންގެ ތެރެއިން 37 މީހަކަށް ރާއްޖެ އެތެރެވުމުގެ ހުއްދަނުދީ ފޮނުވާލާފައިވާ ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރު އަޅާފައިވާ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލީޙުގެ ތަޅުމުގައި ހާމަކޮށް ދެއްވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ކޯވިޑް-19 ދުނިޔޭގެ އެކި ޤައުމުތަކަށް ފެތުރެންފެށި ހިސާބުން ރާއްޖެއިން މިކަމަށް އެކަށީގެންވާ ރަނގަޅު ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ. އަދި މި ފިޔަވަޅުތަކާއެކު މިކަމަށް ކުރިއެރުންތަކެއްވެސް ލިބެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް 19 ފެތުރަ ނުދިނުމަށް ސަރުކާރުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން 1 ފެބްރުއަރީ 2020 ފެށިގެން 7 މާރޗް 2020 އާއިހަމަޔަށް ދެލައްކަ ހަތަރުހާސް ހަތްސަތޭކަ ސާޅިސް ނުވަ މީހަކު ވަނީ ސްކްރީންކޮށްފައެވެ. މީގެ ތެރެއިން 717 މީހަކާއި ސުވާލުކޮށް އިތުރު މައުލޫމާތު ސާފްކޮށްފައިވާއިރު 37 މީހަކަށް ރާއްޖެ އެތެރެވުމުގެ ހުއްދަނުދީ ފޮނުވާލާފައިވާކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިބައްޔަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް، ޞިއްޚީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް މިކަމުގެ މައުލޫމާތު ދިނުމަށް މިއަހަރު ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މަސައްކަތް ކުރަމުންދާކަމަށެވެ. މީގެ އިތުރުން މިކަމަށް ޚާއްސަ ކޯލް ސެންޓަރެއް ޤާއިމްކޮށް ވައިރަސްގެ މައުލޫމާތު ފޯރުކޯށް ދެމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް 2233 މީހަކު ކޯލްސެންޓަރުގެ ބޭނުން ހިފާފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެންމެ ގިނައިން ކޯލްސެންޓަރަށް ގުޅާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. އެދުވަހު 761 ފަރާތަކުން ގުޅައި މިކަމުގެ މައުލޫމާތު ހޯދާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

  • މިހާތަނަށް 2233 ފަރާތަކުން ކޯލްސެންޓަރގެ ބޭނުހިފި
  • އެންމެ ގިނައިން ކޯލްސެންޓަރއަށް ގުޅާފައިވަނީ 1 ފެބްރުއަރީގައި އެއީ 761 ފަރާތަކުން
  • 1 ފެބްރުއަރީއިން 7 މާރޗައަށް ރާއްޖޭގެ އެކިއެކި ޕޯރޓްތަކުން 204،749 ފަރާތެއް ސްކުރީން ކުރި
  • 717 މީގެ ތެރެއިން ފަރާތަކާއި ސުވާލުކޮށް އިތުރުމައުލޫމާތު ސާފުކުރި
  • 37 ފަރާތެއް ރާއްޖެ އެތެރެވުމުގެ ހުއްދަނުދީ ފޮނުވާލި
  • މިއަދާއި ހަމައަށް 81178 ފަރާތައް ހޭލުންތެރިކުރުވުމުގެ މައުލުމާތު ފޯރުކޮށްދެވުނު


މިނިސްޓަރ އަމީން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން 6 ޖެނުއަރީ 2020 ވަނަ ދުވަހު މިނިސްޓްރީ އޮފް ހެލްތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުންނާއި ބައްދަލުކޮށް ރިސްކް އެސެސްމަންޓެއް ހެދުމަށް ނިންމައި، 12 ޖެނުއަރީ އާއިހަމައަށް މި ރިސްކް އެސަސްމެންޓް ހަދާނިންމި ކަމަށެވެ.

މި ރިޕޯޓާއިއެކު ސަރުކާރުން ސިއްޚީ މާހިރުންނާއި، ފަންނީ ބޭފުޅުންނާއި، އެކި ދާއިރާތަކުގެ ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީތައް އެކުލަވާލައި ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކޯވިޑް-19ގެ ހުރިހާ ކަމެއް އިންތިޒާމު ކޮށްފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިހާތަނަށް ސަރުކާރުން ކޯވިޑް 19 އައާއި ގުޅިގެން ކުރެވިފައިވާ މަސައްކަތްތައް:

  • 6 ޖެނުއަރީ 2020 - ކޮވިޑް19 ރިސްކް އެސެސްމަންޓެއް ހެދުމަށް ނިންމުނު
  • 12 ޖެނުއަރީ 2020 - ރާއްޖޭގެ ރިސްކް އެސަސްމެންޓް ހަދާނިންމުނު.
  • 20 ޖެނުއަރީ 2020 - ނެޝަނަލް ރެސްޕޯންސް ގައިޑްލައިން ތައްޔާރުކުރެވުނު.
  • 21 ޖެނުއަރީ 2020 - ހެލްތު އިމަޖެންސީ ކޯޑީނޭޓިން ކޮމިޓީ އެކުލަވާލެވުނު.
  • 22 ޖެނުއަރީ 2020 - ވެލާނާ އިންޓަރނޭޝާނަލް އެއަރޕޯޓްގައި ތާރމަލް ކެމެރާހަރުކުރެވު ސްކްރީންކުރެވެންފެށުނު.
  • 26 ޖެނުއަރީގައި 2020 - އައްޑޫގައި ތާމަލްކެމެރާ ހަރުކުރެވުނު.
  • 27 ޖެނުއަރީ 2020 - ހުޅުމާލޭގައި ހުރި ޕްރީ ސްކޫލެއް ސްކުރީނިން މަރުކަޒަކަށް ބަދަލުކުރެވުނު.
  • 29 ޖެނުއަރީ 2020 - މަލްޓިއެޖެންސީ ޓޭބަލް ޓޮޕް އެކްސެސަރިޒެއް ކުރެވުނު.
  • 30 ޖެނުއަރީ 2020 - އިމަޖެންސީ އޮޕަރޭޝަން ސެންޓަރއެއް މިނިސްޓްރީ އޮފް ހެލްތުގައި ގާއިމްކުރެވުނު.
  • 31 ޖެނުއަރީ 2020 - ޗައިނާއިން ރާއްޖެއަށް ދަތުރުކުރި ބަލީގެ އަލާމާތެއްނެތް ދެ ދިވެހިން ފަރުކޮޅުގައި އައިސޮލޭޓްކުރެވުނު.
  • 31 ޖެނުއަރީ 2020 - ޗައިނާއަށް ދަތުރުކުރުމުގެ ހިސްޓްރީހުރި ބާލީގެ އަލާމާތްތައްހުރި ދެ ދިވެހިން ފުނަދޫގައި އައިސޮލޭޓްކުރެވުނު.
  • 31 ޖެނުއަރީ 2020 - ރައީސުލް ޖުމުހޫރިއްޔާ ވަޒީރުންގެ ކޮމެޓީއެއް އެކުލަވާލާ، އެކޮމެޓީގެ މަސައްކަތް ފެށުނު.
  • 1 ފެބްރުއަރީ 2020 - ސީނިއަރ ޑޮކްޓަރުންގެ މައްޗަށް އެކުލެވޭ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕެއް އުފައްދުނު.
  • 1 ފެބްރުއަރީ 2020 - ޗައިނާއިން ސީދާ ދަތުރުކުރާ ހުރިހާ ފްލައިޓެއް ރާއްޖެއަށް ދަތުރުކުރުން މަޑުޖައްސާލެވުނު.
  • 3 ފެބްރުއަރީ 2020 - ޕޫނޭއަށް ފޮނުވި ހުރިހާ ސާމްޕަލްތަކެއްގެ ޓެސްޓް ނަތީޖާ ނެގެޓިވްކަން އިއުލާންކުރެވުނު.
  • 3 ފެބްރުއަރީ 2020 - ޗައިނާއިން ދަތުރުފަށާ އެންމެނާއި ޗައިނާމަގުން ދަރުކުރާ އެއްވެސްމީހަކު ރާޢްޖެ އެތެރެވުން މަޑުޖައްސާލެވުނު.
  • 18 ފެބްރުއަރީ 2020 - ވޫހާންއިންގައި ތިވި ދިވެހިން އިންޑިއާގައި 14 ދުވަހު ކުރަންޓީން ފުރިހަމަ ކުރުމަށްފަހު ރާއްޖެ ގެނެވުނު.
  • 20 ފެބްރުއަރީ 2020 - ޑަބްލިއު އެޗްއޯގެ އެހީތެރިކަމާއިއެކު އައިޖޭއެމް އެޗް ލެބޯޓާރީގައި ޓޭސްޓްކުރެވޭނެ އިންތިޒާމް ހަމަޖެހުނު.
  • 26 ފެބްރުއަރީ 2020 - ރާއްޖެއަށް ކުރުޒްލައިން އައުން ވަގުތީގޮތުން މަޑުޖައްސާލެވުނު.
  • 3 މާރޗް 2020 - އެޗްޕީއޭއާއި އެންޑިއެމްއާއި ގުޅިގެން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރއެއް ދަރުބާރުގޭގައި ގާއިމްކުރެވުނު.
  • 5 މާރޗް 2020 - އިޓާލީއިން ރާޢްޖެއަށް ދަތުރުކުރި ދިވެއްސަކު ޓެސްޓްކުރެވި އަދި ނަތީޖާ ނެގްޓިވް ކަމަށްދެއްކި.
  • 7 މާރޗް 2020 - ކުރެއްދޫ ރިޒޯޓްގައި ތިބި ދެފަރާތެއް ކޮވިޑް19 އަށް ޕޮޒިޓިވް ވި.
  • 8 މާރޗް 2019 ވަނަ ދުވަހު ބަތަލާ ރިޒޯޓްގައި ތިބި ދެފަރާޓެއް މިބައްޔަށް ޕޮޒިޓީވި.


ކޯވިޑް-19 ޖެހިފައިވާ 4 ބިދޭސީއަކު ރާއްޖެއިން ފެނިފައިވާއިރު، މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލައި އަޅަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިބައްޔާއި ދެކޮޅަށް ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކީވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމަށްފަހު އަޅަމުންދާ ފިޔަވަޅުތަކެއްކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.