ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ބީއެމްއެލްއިން ޚާއްސަ ލޯން ފެސިލިޓީއެއް ތަޢާރަފްކޮށްފިއެވެ. މި ފެސިލިޓީއާއެކު އެއްވެސް ރަހުނަކާއި ނުލައި ވިޔަފާރިވެރިންނަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.
ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ކުރު މުއްދަތެއްގައި ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ބީއެމްއެލްއިން ތަޢާރަފްކުރި "ވަރކިން ކެޕިޓަލް ފައިނޭންސް ފެސިލިޓީ"ގެ ދަށުން ވިޔަފާރިވެރިންނަށް 3 މިލިއަން ރުފިޔާއާއި ހަމައަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި ލޯނަށް އެދި ހުށަހަޅާ ކުންފުނިތަކުން ފާއިތުވެދިޔަ 3 އަހަރު ހޯދާފައިވާ ސޭލްސްގެ %20 އާ ހަމަޔަށް ވިޔަފާރިތަކަށް ފައިނޭންސް ލިބޭނެކަމަށް ވެސް ބީއެމްއެލްއިން ބުނެއެވެ.
ތިން މިލިއަން ރުފިޔާއާއި ހަމައަށް ލޯނު ދޫކުރާއިރު، މި ލޯނު އަނބުރާ ދެއްކުމަށް 3 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މި ފެސިލިޓީގެ ދަށުން ޑިމާންޑް ލޯނާއި، އޯވަރ ޑްރާފްޓް، ބޭންކް ގެރެންޓީ، ލެޓަރ އޮފް ކްރެޑިޓް އަދި ޓްރަސްޓް ރިސިޕްޓް ޑިމާންޑް ލޯނަށް އެދި ހުށަހެޅޭނެއެވެ.
މި ޚިދުމަތްތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ "ވަރކިން ކެޕިޓަލް ފައިނޭންސް ފެސިލިޓީ" ގެ ދަށުން ދޫކުރެވޭ މި ލޯންތަކަކީ ރާއްޖޭގައި ރަހުނަކާއި ނުލައި ދޫކުރެވޭ ފުރަތަމަ ލޯން ފެސިލިޓީކަމަށެވެ. ޓިމް ވިދާޅުވީ ބީއެމްއެލްއިން ތަޢާރަފްކުރި މި ޚިދުމަތާއިއެކު ކުންފުނީގެ އުއްމީދަކީ ކުދި ވިޔަފާރިތައް ކުރިއެރުމަށް ބޭނުންވާ ފައިސާ ފަސޭހައިން ހޯދުމަށް މަގުފަހިވެގެންދާނެކަމަށެވެ.
"މިއީ ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް އަޅުގަނޑުމެން ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ ދަށުން ތައާރަފްކުރެވުނު ފެސިލިޓީއެއް. ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ނުވަތަ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފައިސާ މިހާރު ފަސޭހައިން ހޯދުމަށް މިވަނީ މަގުފަހިވެފަ." ޓިމް ވިދާޅުވިއެވެ.
އަލަށް ތަޢާރަފްކުރެވުނު ޚިދުމަތުގެ އިތުރުން ބީއެމްއެލްއިން ވަނީ ބިޒްނަސް ޑިވަލޮޕްމަންޓް ލޯން، ގެސްޓްހައުސް ލޯން، ރިއަލް އެސްޓޭޓް ލޯން އަދި ރީޓެއިލާސް ލޯން ގެ އިންޓްރެސްޓް ރޭޓް ދަށްކޮށްފައެވެ. އަދި ބީއެމްއެލް އިސްލާމިކްގެ ދަށުން ދޫކުރާ ލޯންތަކުގެ އިންޓްރެސްޓް ރޭޓުވެސް ކުޑަކުރެވިފައިވާކަމަށް ބީއެމްއެލް އިން ބުނެއެވެ.
މި ލޯންތަކުގެ އިތުރުން ހޯމް ކޮންސްޓްރަކްޝަން ލޯން އަދި ފައިނޭންސިން ލޯންގެ އިކުއިޓީ %30 އިން %20 އަށް ވަނީ ބަދަލުކޮށްފައެވެ.