ޚަބަރު

ކޯވިޑް19: ކޮންމެ ފިޔަވަޅެއްވެސް އަޅާފައިވަނީ މާލީ އިދާރާތަކާއި އިޤްތިޞާދީ މާހިރުންގެ ލަފަޔާއެކު - އަމީން


ކޯވިޑް19އާ ގުޅިގެން ދިވެހި ސަރުކާރުން އިޤްތިޞާދީގޮތުން އަޅާފައިވާ ކޮންމެ ފިޔަވަޅެއްވެސް އަޅާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސްފަރާތްތަކާއި، މާލީ އިދާރާތަކުގެ ލަފަޔާއި އިރުޝާދާ އެކުކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޯވިޑް19އާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި މިހާތަނަށް މިބައްޔާ ދެކޮޅަށް ކުރައްވާފައިވާ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ މިބަލި އެންމެ ފުރަތަމަ ދުނިޔޭގައި ފެތުރެން ފެށުމާއިއެކު ދިވެހި ސަރުކާރުން މިކަމަށް ވަރަށްބޮޑަށް ސަމާލުވެ ދުރާލައި ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ.

ދިވެހި ސަރުކާރުން މިކަމުގައި އެންމެބޮޑު އިސްކަމެއް ދެއްވާފައިވަނީ އެންމެ ފުރަތަމަ ރައްޔިތުންގެ ފުރާނައާއި، ޞިއްޙީ މައްސަލަތަކަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކޯވިޑް19އާ ގުޅިގެން ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އިޤްތިޞާދީ ގޮތުން އަޅުއްވާފައިވާ ފިޔަވަޅުތަކަށް އިޝާރާތް ކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިހާތަނަށް އަޅުއްވާފައިވާ ކޮންމެ ފިޔަވަޅެއްވެސް އަޅާފައިވާނީ މާލީ އިދާރާތަކުގެ ލަފަޔާއި އިރުޝާދުގެ މަތީންކަމަށެވެ.

"ކޯވިޑް19އާ ގުޅިގެން ސަރުކާރުން އެންމެބޮޑު އިސްކަމެއް ދެއްވީ ދިވެހި ރައްޔިތުންގެ ފުރާނައާއި، ސިއްޙަތަށް. އިޤްތިޞާދީގޮތުން މިހާތަނަށް ސަރުކާރުން މިކަމުގައި އަޅުއްވާފައިވާ ކޮންމެ ފިޔަވަޅެއްވެސް އަޅުއްވާފައިވަނީ މާލީ އިދާރާތަކާއި، ވަކިން ޚާއްސަކޮށް އެމްއެމްއޭ، ފިނޭސް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީގެ ލަފާގެ މަތީން. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންގެ ލަފާގެ މަތީން" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުން މިވަގުތަށް އައުން މަޑުޖައްސާލުމަށް އެޅުއްވި ފިޔަވަޅަކީވެސް ސީދާ ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ މާލީ އިދާރާތަކާއި، އިޤްތިޞާދީ ބޭފުޅުންނާއި، ފަތުރުވެރިކަމުގެ އިސްފަރާތްތަކުގެ އިރުޝާދާއި ލަފާގެ މަތީން ނިންމަވާފައިވަ ނިންމުންތަކެއްކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ސަރުކާރުން މިނިންމުން ނިންމުގައި މާލީ ގޮތުން އަތުވެދާނެ ގެއްލުމަކާއި އެކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާގުޅޭގޮތުންވެސް މަޝްވަރަ ކުރައްވާފައިވާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. ކޯވިޑް19އާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަޅާކޮންމެ ފިޔަވަޅެއްވެސް އަޅަމުންދަނީ ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯގެ ފުރިހަމަ އިރުޝާދާއި، ލަފާގެ މަތީންކަމަށް އަމީން ވިދާޅުވިއެވެ.