ޚަބަރު

ކޯވިޑް-19: ރައްކާތެރިކަމުގެ އަވަސް ފިޔަވަޅުތަކެއް، 10 ދުވަހުގެ ތެރޭގައި ކަރަންޓީން ފެސިލިޓީއެއް


ކޯވިޑް-19 ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރެން ފެށުމާއެކު، އެކި ޤައުމުތަކުން ދަނީ ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ. އެގޮތުން މި ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާއިންވެސް 24 ގަޑިއިއިރުގެ ތެރޭ ހޮސްޕިޓަލްތަކާއި ކްލިނިކްތައް ވަނީ ޤާއިމުކޮށްފައެވެ.

ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތައް ރާއްޖެއިންވެސް މި ބަލިން ރައްކާތެރިވުމަށް ދުރާލާ މުހިންމު މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން މި ބަލި އެކި ޤައުމުތަކުގައި ފެތުރެންފެށުމާއެކު ވަޔާއި ކަނޑުމަގުން ރާއްޖެ އެތެރެވާ މީހުން ތާމަލް ކެމެރާ ބޭނުންކޮށްގެން ސްކްރީންކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ނޭޝަނަލް އެމަޖެންސީ ސެންޓަރެއް ޤާއިމްކޮށް މުޅި ރާއްޖެ މިކަމަށް ތައްޔާރުވިއެވެ. އަދި އައިސޮލޭޝަން ސެންޓަރުތަކާއި، ފްލޫ އަދި ޓްރެވަލް ކްލިނިކްތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގައި ވަނީ ޤާއިމުކޮށްފައެވެ. އަދި އަށްޑިހަ އެއްހާހަށްވުރެ ގިނަ މީހުން މިކަމަށް ވަނީ ތަމްރީނުކޮށްފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ބަޔަކު ޕޮޒިޓިވް ވުމާއެކު ސަރުކާރާއި ކަމާބެހޭ އިދާރާތަކުން ވަނީ މި މަސައްކަތްތައް އިތުރަށް ހަލުވިކޮށް ހަރުދަނާކޮށްފައެވެ. އެގޮތުން މި ވައިރަސް ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތުގެދަށުން ކަރަންޓީން ފެސިލިޓީތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ވަގުތުން ވަނީ ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ ވިލިވަރުގައި އެންމެ 10 ދުވަހުގެ ތެރޭގައި ފުރިހަމަ ވަސީލަތްތަކާއެކު ކަރަންޓީން ފެސިލިޓީއެއް ޤާއިމުކުރިކަމެވެ.

މާލެ އަތޮޅު ގުރައިދޫކައިރީގައި ރިސޯޓެއްގެ ގޮތުގައި ކުރިން ހިންގި ވިލިވަރުގައި 10 ދުވަހުގެ ތެރޭގައި ޤާއިމްކޮށްފައިވަނީ 30 މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީއެކެވެ. އެތަން ތައްޔާރީ ހާލަތަކަށް ގެނެސްފައިވާއިރު، އެތަން ހަދާފައިވަނީ އިތުރަށް ބޭނުންވެއްޖެނަމަ ޖާގަ އިތުރުކޮށް ވޯޑާއި ޓެންޓުވެސް އިތުރު ކުރެވޭގޮތަށެވެ. މި ފެސިލިޓީގައި ފުރިހަމަ ޚިދުމަތްތަކެއް ދިނުމަށްޓަކައި ބޭނުންވާ ހުރިހާ ވަސީލަތެއްވެސް ވަނީ ޤާއިމް ކޮށްފައެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ޓުވީޓް

އެގޮތުން ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ފޮޓޯއާއި ވީޑިއޯތަކަށް ބަލާއިރު ވިލިވަރުގައި ޤާއިމުކުރި ކަރަންޓީނު ފެސިލިޓީ އަކީ އެތަނަށް ގެންދާ ބަލިމީހުންނަށް ހިތްހަމަޖެހިގެން އުޅެވޭނެ ގޮތަކަށް، ފެންވަރު ރަނގަޅު ޚިދުމަތްތަކަކާއެކު ޤާއިމްކޮށްފައިވާ ތަނެކެވެ.

އެގޮތުން މި ފެސިލިޓީގައި އޭސީ އާއި ޓީވީ ހަރުކޮށްފައިވާއިރު ކޮޓަރިތެރޭގައި ތިބެގެން ކައިބޮއިހެދޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. އަދި އެތަނުގައި ކަރަންޓީން ކުރާ ފަރާތްތަކަށް އެތަނުން ބޭރަށް ނުކުމެ އުޅެވޭނެގޮތަށް ބީޗް ސަރަހައްދެއްވެސް ވަނީ ކަނޑައަޅާފައެވެ.

މި ކަރަންޓީން ފެސިލިޓީ ޤާއިމުކުރުމުގައި ޓުއަރިޒަމް މިނިސްޓްރީގެ އިސްވެރިންނާއި ސްޓާފުންނާއި، 48 ފުލުހެއްގެ އިތުރުން، އެސްޓީއޯ، ފެނަކަ، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ އަދި ކޮކާކޯލާ ކުންފުނީގެ މުއައްޒަފުންވަނީ ރެއާއި ދުވާލު ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައިވެސް ކޯވިޑް-19 އަށް ޝައްކު ކުރެވި ކަރަންޓީން ކުރަންޖެހޭ ހާލަތެއް ދިމާވެދާނެ ކަމަށް ބަލައި ދުރާލައި ތައްޔާރު ވުމުގެގޮތުން ކަރަންޓީން ފެސިލިޓީއާއި އެފަދަ ޙާލަތެއްގައި ޙަރަކާތްތެރިވާނެ މީހުންވެސް ތަމްރީނުކޮށްފައެވެ. އަދި މުޅި ރާއްޖެވެސް މިކަމަށް ތައްޔާރަށް އޮތްކަމަށާ، ރައްޔިތުން މިކަމުގައި ކަންބޮޑުނުވެ ކަމާ ގުޅުންހުރި ފަރާތްތަކުންދޭ އިރުޝާދުތައް އަހައި އެ ފަރާތްތަކަށް އެއްބާރުލުންދިނުމަށްވެސް އިލްތިމާސް ކުރައްވާފައެވެ.