ވިޔަފާރި

ރާއްޖެއަށް މުދާ އެތެރެކުރުމުގައި ދަތިކަމެއް ނެތް- ވިޔަފާރިވެރިން


ރާއްޖެއަށް މުދާ އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށާއި މުދަލުގެ އަގު އެއްހަމައެއްގައި ހިފަހައްޓާނެކަމަށް ވިޔަފާރިވެރިން ބުނެފިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިޤްތިސާދަށް ލޮޅުން އަންނަމުންދާއިރު މީގެ ސަބަބުން ކާބޯތަކެތީގެ އަގު އުފުލި އިމްޕޯޓް އެކްސްޕޯޓަށް ބޮޑެތި ބަދަލުތަކެއް އައިސްދާނެކަމަށް ވަނީ ލާފާކުރެވިފައެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށް ވުމާއެކު މިފަދަ ހާލަތެއްގައި ކާޑުގެ ބާވަތްތަކާއި ކެއިން ބުއިމަށް ބޭނުންކުރާ އެހެނިހެން ބާވަތްތައް ހަމަ އަގެއްގައި އެކަށީގެންވާ މިންވަރަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަން ޖެހެއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވަނީ ރާއްޖެއަށް ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ބާވަތްތައް އެތެރެކުރާ ކުންފުނިތަކާއި ބައްދަލުކޮށް މިހާރު މިކަން އޮތް ހާލަތާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ ރާއްޖެއަށް މުދާ ގެނައުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާކަމަށް ބުނެފައެވެ. އަދި މިހާރު އޮތް ހާލަތުގައި ވެސް ތަކެތީގެ އަގު ކޮންޓްރޯލްކުރާނެކަމަށް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.

ނުރައްކާތެރި ވައިރަސް ކޯވިޑް-19 ގެ 2 ކޭސް ރާއްޖެއިން މިހާރު ފެނިފައިވާއިރު އާންމުންގެ ގިނަ ބަޔަކު މިހާރު ދަނީ ކާޑުގެ ބާވަތްތައް ކުރީ ބައިގައި ގަނެ ރައްކާކުރަމުންނެވެ.

އެހެންނަމަވެސް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ވަނީ މިތަކެތި ގިނަ ޢަދަދަކަށް ގަނެ ރައްކާނުކުރުމަށް އާންމުންގެ ކިބައިން އެދިފައެވެ. ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އެހެނިހެން އަސާސީ ތަކެތި ދަތި ނުވެ ލިބެމުންދާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން މިހެން ބުނެފައިވީ ނަމަވެސް ހޭންޑް ސެނިޓައިޒާ އަދި މާސްކް ފަދަ ތަކެތި ލިބުމުގައި އާންމުންނަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.

ބައެއް ފިހާރަތަކުން ދަނޑިވަޅާއި ދިމާކޮށް ބޮޑެތި އަގުތަކުގައި ތަކެތި ވިއްކަމުންދާއިރު މިކަމަށް ވަނީ ހައްލެއް ނުލިބިފައެވެ.