ވިޔަފާރި

ކަޅުބިލަމަސް އެކްސްޕޯޓްކުރާ 2 ކުންފުންޏަކަށް ފިޔަވަޅު އަޅައިފި


ރާއްޖޭގައި ކަޅުބިލަމަސް އެކްސްޕޯޓުކުރުމުގެ ހުއްދަދީފައިވާ 2 ކުންފުންޏަކަށް ފިޝަރީސް މިނިސްޓްރީން ފިޔަވަޅު އަޅައިފިއެވެ.

މިނިސްޓްރީން ފިޔަވަޅު އަޅާފައިވަނީ ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި މަސް ގަތުމުގައި ޙަރަކާތްތެރިވާ 'އައިލެންޑް އެންޓަރޕްރައިސަސް ލިމިޓެޑް' އާއި 'އިކޯ ފިޝަރީސް އިންޓަރނޝަނަލް ޕްރައިވެޓް ލިމިޓެޑް' އެވެ.

މިނިސްޓްރީ އޮފް ފިޝަރީސް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ވިދާޅުވީ މި ދެކުންފުންޏާއި ދޭތެރޭ ފިޝަރީސް މިނިސްޓްރީން ފިޔަވަޅު އަޅާފައިވަނީ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަނެ، ޕްރޮސެސްކޮށް އަދި އެކްސްޕޯޓުކުރުމަށް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީން ވިދާޅުވީ މި ދެކުންފުންޏަށް އެއްބަސްވުމާއި ޚިލާފުވެފައިވާކަމުގެ ނޯޓިސް ފޮނުވާފައިވާކަމަށެވެ. އަދި ދެ ކުންފުންޏަށް ވެސް 30 ދުވަހުގެ މުހުލަތެއް ދިނުމަށްފަހު މި މުއްދަތުގެ ތެރޭގައި އެއްބަސްވުމުގައިވާ ކަންކަން ފުރިހަމަކުރުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

ކަޅުބިލަމަހަކީ ރާއްޖެއިން ބޭރަށް އެންމެ ގިނައިން އެކްސްޕޯޓުކުރާ މަހުގެ ބާވަތެވެ.

މިނިސްޓްރީން އަޅަމުންދާ މިފަދަ ފިޔަވަޅުތަކަކީ ކަޅުބިލަމަހުގެ ސިނާޢަތް ދަމަހައްޓާ މި ސިނާޢަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޅާފައިވާ ފިޔަވަޅެއްކަމަށް ފިޝަރީސް މިނިސްޓްރީން ބުނެއެވެ.