ޚަބަރު

ހުރިހާ ނަމާދެއްގައި ޤުނޫތު ކިޔަން ފަށައިފި


ކޮރޯނާ ވައިރަސްފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިކޮށްދެއްވުމަށް އެދި، މިއަދުން ފެށިގެން ހުރިހާ ނަމާދެއްގައި ޤުނޫތު ކިޔާގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސަވައިފިއެވެ.

މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން، ކޮންމެ ނަމާދެއްގެ ފަހު ރަކްޢަތުގެ އިޢުތިދާލުގައި ޤުނޫތު ކިޔާ ގޮތަށް ވަނީ ހަމަޖައްސާފައިވެއެވެ.

ކޮރޯނާ ވައިރަހާއި އަދި މިފަދަ ބަލިމަޑުކަމުން ދިވެހިރާއްޖެއާއި މުޅި އުއްމަތް ރައްކާތެރިކުރުމަށް، ދީނީގޮތުން ކުރެވެންހުރި ކަންކަން ކުރުމަށް އިސްލާމިކް މިނިސްޓްރިއިން ދަނީ އިލްތިމާސްކަމުންނެވެ.
ބަލިމަޑުކަމާއި ރޯގާތަކާއި ގުޅިގެން މީގެ ކުރިންވެސް ފަރުޟު ނަމާދުތަކުގައި ޤުނޫތު ނާޒިލާ ކިޔާފައިވެއެވެ.

މުޅި ދުނިޔެއަށްވެސް ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ދެ ކޭސް ރާއްޖެއިންވަނީ ފެނިފައެވެ. މިކަމުން ރައްކާތެރިވުމަށް ފަރުދީ ފެންވަރުގައި ކުރެވޭނެ ކަންކަމަށް ސަމާލްކަން ދިނުމަށް ސަރުކާރުންދަނީ އިލްތިމާސްކޮށްފައެވެ. ރާއްޖެއިން މި ބަލި ފެނިފައިވާތީ ސަރުކާރުންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.