ޚަބަރު

ރިސޯޓުތަކަށް ޚާއްސަ، ބައި މިލިއަނަށްވުރެ ގިނަ މާސްކް ރައްކާކޮށްފައި އެބަހުރި - ޢަލީ ވަހީދު


ބޭނުންވެއްޖެ ޙާލަތެއްގައި ރިސޯޓްތަކަށް ފޯރުކޮށްދިނުމަށް ބައި މިލިއަނަށްވުރެ ގިނަ މާސްކް ރައްކާކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ކޮވިޑް19 ފެނިފައިވާ ރިސޯޓަށާ، އިތުރު ރިސޯޓެއް މިފަދަ ޙާލަތަކަށް ހިންގައްޖެނަމަ އެ ފަރާތްތަކަށް ވަގުތުން މާސްކް ފޮނުވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށެވެ.

ރާއްޖެއިން ކޮރޯނާ ވައިރަހަށް ޕޮސިޓިވްވެފައިވާކަމަށް ހެޗްޕީއޭއިން މިހާތަނަށް އިޢުލާންކޮށްފައިވަނީ ކުރެއްދޫ ރިސޯޓުގައި މަސައްކަތްކުރާ ދެ ބިދޭސީއެކެވެ. މި ދެމީހުން މިހާރު ކަރަންޓީން ފެސިލިޓީއަށް ގެންގޮސް ފަރުވާދެމުންދާއިރު، އެރިސޯޓްވެސްވަނީ ކުއްލި ޙާލަތަށް ގެންގޮސްފައެވެ. ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި މިނިސްޓްރިއިންވަނީ މި ރިސޯޓަށް އަރާފޭބުން ވަގުތީގޮތުން މަނާކޮށްފައެވެ.

ކުރެއްދޫގެ އިތުރުން ބަޠަލާ ރިސޯޓުންވެސް ވަނީ ބައްޔަށް ޝައްކުކުރެވޭ ޢަލާމަތްތައް ފެނިގެން ބަޔަކު ޓެސްޓްކޮށްފައެވެ. ނަމަވެސް ކުރެއްދޫ ރިސޯޓުން ފެނުނެ ދެ ކޭސްގެ އިތުރަށް އިތުރު ކޭސްއެއް ރާއްޖެއިން ފެނިފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއަށް ކޯވިޑް19 އައިސްފައިވަނީ ރާއްޖެ އައި ފަތުރުވެރިއެއްގެ ފަރާތުންކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރައްވައެވެ. މިކަމުގެ ސަބަބުން ރިސޯޓްތަކުން ޚާއްސަ ސަމާލްކަމެއް ދިނުމަށް ޓުއަރިޒަމް މިނިސްޓްރީއިންވެސްވަނީ އެދިވަޑައިގެންފައެވެ.

ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވިގޮތުގައި ކުރެއްދޫގައި އެކި މަސައްކަތް ކުރަން 271 ދިވެހިން އެބަތިބިކަމަށާ، އަދި 457 ބިދޭސީން އެބަތިބިކަމަށެވެ. އަދި އެރިސޯޓުގައި ތިބި ފަތުރުވެރިންގެ ޢަދަދަކީ 699 އެވެ.