ޚަބަރު

ކޯވިޑް-19: މާސްކު އަޅަންޖެހެނީ ކޮންބައެއް؟


ކޯވިޑް-19އިން ރައްކާތެރިވުމަށް މާސްކް އަޅަންޖެހެނީ ވަކި ޚާއްސަ ބައެއްކަމަށާ ހުރިހާ އެންމެން މާސްކު އަޅަން ނުޖެހޭކަމަށް އޭޑިކޭ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރ ޑރ.ޢަބްދުﷲ ނިޔާފް ވިދާޅުވެއްޖެއެވެ. ޑރ.ނިޔާފް މިހެން ވިދާޅުވީ ކޯވިޑް-19އަށް 2 މީހަކު ރާއްޖޭގައި ޕޮޒިޓިވް ވުމާގުޅިގެން ޕީއެސްއެމްނިއުސްއިން ގެނެސްދިން ޚާއްސަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކޯވިޑް-19އަށް ރާއްޖޭގައި 2 މީހަކު ޕޮޒިޓިވް ވުމާގުޅިގެން ރާއްޖޭގެ ހުރިހައި ހިސާބެއްގައިވެސް މާސްކަށް އޮތް ޑިމާންޑްވަނީ ބޮޑުވެފައެވެ. އެހެންނަމަވެސް މިދަނޑިވަޅުގައި ހުރިހާ ފަރާތަކުން މާސްކު ގަނެ ސްޓޮކް ނުކުރުމަށް އޭޑިކޭ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރ ޑރ.ޢަބްދުﷲ ނިޔާފް އިލްތިމާސްކުރެއްވިއެވެ. ޑރ.ނިޔާފް ވިދާޅުވީ މާސްކު އަޅަންޖެހެނީ މިވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް އިސްކޮށް ޢަމަލީގޮތުން މަސައްކަތްކުރާ މީހުންކަމަށެވެ.

އަދި ސިއްހީ ފަރުވާ ދޭތަންތަނުގައި ތިބޭ މީހުންނާއި ގޭގައި ބަލި މީހުނަށް ޚިދުމަތްކުރާ މީހުން ކޮންމެހެންވެސް މާސްކުއަޅަންޖެހެއެވެ. މީގެ އިތުރުން ބައްޔެއްގެ ސަބަބުން ދިފާޢީ ނިޒާމު ދެރަ މީހުންވެސް މާސްކުއަޅަންޖެހެއެވެ. ޑރޢަބްދުﷲ ނިޔާފް ވިދާޅުވީ މިނޫން މީހުން މިޙާލަތުގައި މާސްކު އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫންކަމަށެވެ. އޭގެ ސަބަބުން މާސްކު އަޅަން ކޮންމެހެން ޖެހޭ މީހުނަށް ބޭނުންވާ މާސްކު ހުސްވެ އެންމެ ބޭނުންވާ ދަނޑިވަޅުގައި މާސްކު ނުލިބުމުގެ ބިރު އެބައޮތްކަން ޑރ.ނިޔާފް ފާހަގަކުރެއްވިއެވެ.

"ހަގީގަތުގަ މިވަގުތު ބޭސް އެއްކޮށް މާސްކު އެއްކޮށް، މިހެން ހަދަންވީ އެންމެ ރަނގަޅު ވަގުތެއް ނޫން މިއީކީ. ފެށުނީއްސުރެ ތަކުރާރުކޮށް މިކިޔަނީ އެއްވާހަކައެއް. މާސްކް އަޅަން ކޮންމެހެން ޖެހެނީ އެބަލި ހުރި މީހުން. އެއީ އެމީހުންގެ ސަބަބުން އެހެން މީހުނަށް ބަލި ފޯރުން ވީހާވސް ބޮޑަށް ކުޑަކުރަން."

ޑރ.ޢަބްދުﷲ ނިޔާފްގެ ވާހަކައިގައި ބަލިން ރައްކާތެރިވުމަށް ފަރުދީގޮތުން ކުރެވޭނެ ކަންކަމަށް ވަރަށް ބޮޑަށްވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކޯވިޑް-19އިން އަރައިގަތުމަށް މިހާރު ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ކަބާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ހުރިހާ ފަރާތުންވެސް ބޯލެނބާ އެއަށް ޢަމަލުކުރުންކަމަށް ޑރ.ނިޔާފް ވިދާޅުވިއެވެ.

"ކެއްސައި ކިނބިހި އަޅާ ހުން އައުން ފަދަ ކަމެއް ހުރިނަމަ ބޮޑަށް އެދެވިގެންވަނީ މީހުން އެއްވާ ތަންތަނަށް ނުދިޔުން. ބައެއް ޢައިލާތަކުގައި ދިރިއުޅުން ހުރިގޮތުން އެކަކު އަނެކަކަށް އެކަހެރިވުމަކީ އުނދަގޫކަމެއްނަމަވެސް މިވަގުތު ހުރިހާ ޢާއިލާއަކުންވެސް ރޭވޭތޯ ބަލަންވީ މިކަން ކުރެވެން އޮތް އިންތިޒާމެއްގެ ތެރެއިން މިކަން ކުރެވޭނެ ގޮތަކީ ކޮބައިތޯ ބެލުން މުހިއްމު." ޑރ.ނިޔާފް ވިދާޅުވިއެވެ.

ޑރ.ޢަބްދުﷲ ނިޔާފް ވަނީ މިދުވަސްވަރު ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫންނީ ނުކުރުމަށްވެސް އިލްތިމާސްކުރައްވާފައެވެ. އަދި ސްކޫލް ބަންދު ނަމަވެސް ގޭގެއަށް ދިއުމާއި ޢައްމުން އެއްވާ ތަންތަނަށް ގޮސް ބޭރުތެރޭގައި ނޫޅުމަށްވެސްވަނީ އިރުޝާދުދެއްވާފައެވެ.