ޚަބަރު

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން އިތުރަށް އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި


‏ކޯވިޑް-19 ބަލި ފެނިފައިވާ ޤައުމެއްގެ ހާލަތަށް ރާއްޖޭ ހާލަތު ބަދަލުވުމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިފިއެވެ.

ކެބިނެޓުގެ ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަމާބެހޭ އިދާރާތަކުގެ އިސްވެރީންގެ އިތުރުން ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުކުރެއްވުން އޮތީ ރޭ މުލީއާގޭގައެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ދެ މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން، މި ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް ސަރުކާރާއި ކަމާބެހޭ އިދާރާތައް ގުޅިވަޑައިގެން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު އޮޅުންފިލުއްވެވިއެވެ. އަދި، މިހާރު ރާއްޖޭގެ ޢާންމު ޞިއްޙަތުގެ ރިސްކް ލެވެލް ކުރިއަށްވުރެ މަތިކޮށްފައި ވާތީ، މިހާރު އަމަލު ކުރަމުންދާ ގޮތުގެ މަޢުލޫމާތު ސާފުކުރައްވައި، ފާރަވެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދެވުމަށް އިރުޝާދު ދެއްވިއެވެ.

މީގެ އިތުރުން، ދިވެހި ހުރިހާ ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް، ރައީސުލްޖުމްހޫރިއްޔާވަނީ ރޭގެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައެވެ. އަދި، މިފަދަ ކަންކަމާގުޅޭ މަޢުލޫމާތު ވަގުތުން ވަގުތައް ރައްޔިތުންނާއި ޙިއްޞާ ކުރަމުންދިޔުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ.