ސިއްހަތު

ކޯވިޑް-19 އާ ގުޅޭ މަޢުލޫމާތު ގެނެސްދިނުމުގައި ސަމާލުވުމަށް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފި


ކޯވިޑް-19 އާ ގުޅޭ މަޢުލޫމާތު ގެނެސްދިނުމުގައި ސަމާލުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މީޑިއާތަކަށް އިލްތިމާސްކޮށްފިއެވެ.

މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ކޯވިޑް-19 އާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި ރަނގަޅު ނޫން މަޢުލޫމާތާއި ރައްޔިތުންގެ މެދުގައި ޝައްކު އުފެދޭފަދަ ވާހަކަތައް ގެނެސްނުދިނުމަށް އިލްތިމާސް ކޮށްފައެވެ. އަދި ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި ޤައުމީ މަސްލަހަތު އިސްކުރުމަށްވެސް ވަނީ ދަންނަވާފައެވެ.

ހެލްތް މިނިސްޓްރީއާއި ކަމާ ގުޅުންހުރި ފަރާތްތަކުންވެސް ވަނީ ރައްޔިތުންނަށް އޮޅުންނާރާގޮތަށް ޚަބަރާއި މަޢުލޫމާތު ފެތުރުމަށް މީޑިއާތަކަށް އިލްތިމާސް ކުރައްވާފައެވެ. އަދި ސަރުކާރުން ވަނީ ކޯވިޑް-19 އާ ގުޅޭ މަޢުލޫމާތުތައް ސިއްރު ނުކޮށް ރައްޔިތުންނަށް ގެނެސްދެމުންދާނެކަންވެސް ހާމަކުރައްވާފައެވެ.