ޚަބަރު

މުޅި ރާއްޖެ މިހާރު އޮތީ ޔެލޯ އެލަރޓްގައި، ކުރެއްދޫ އޮރެންޖް އެލާރޓްގައި


މުޅި ރާއްޖެ މިހާރު އޮތީ ޔެލޯ އެލަރޓްގައިކަމަށާއި، މި ކޭސްތައް ފެނުނު ކުރެއްދޫ އޮތީ އޮރެންޖް އެލަރޓްގައިކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. މިކަމާ ގުޅޭ މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ އެތެރޭގެ ބަލިތަކަށް ޙާއްސަ ޑިޕާޓްމެންޓްގެ ހެޑް ޑރ. އަލީ ލަތީފް ވަނީ ރާއްޖެއިން މި ވައިރަސް ފެނުނު ކަމުގައިވިޔަސް އާންމުން މިކަމުގައި ކަންބޮޑުވެ ހާސް ވާންޖެހޭކަމެއް ނެތްކަން ފާހަގަކުރައްވާފައެވެ. ޑރ. އަލީ ލަތީފް ވަނީ، މިހާރު މުޅި ރާއްޖެއަށް ޔެލޯ އެލާޓް ކަނޑައަޅާފައިވާކަން ފާހަގަކުރައްވާފައެވެ. ގައުމީ ފެންވަރުގައި ކަނޑައަޅާފައިވާ މި އެލާޓަކީ ގައުމުން ބޭރުން އައި ފަރާތެއްގެ ހަށިގަނޑު އެ ވައިރަސްފެނި އެހެން ނަމަވެސް، ގައިން ގަޔަށް އެ ބަލި ދަތުރުކޮށް އިތުރު ބަޔަކަށް އެ ވައިރަސް ޖެހިފައިނުވާތީކަމަށް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަލީ ލަތީފް ވަނީ މިރޭ ނެރުނު އެލަރޓްގެ ލެވެލްތަކުގައި އަމަލުކުރާނެ ގޮތްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ. އެގޮތުން ޔެލޯ އެލާޓްގެ ދަށުން ގައުމީ ފެންވަރުގައި އަމަލުކުރާނެ ގޮތްތަކަކީ:

  • އާންމުން ހިމެނޭގޮތަށް ކޮންމެ ދުވަހަކު ކަމާބެހޭ ފަރާތްތަކުން އެންމެ ފަހުގެ މައުލޫމާތު ހާމަކުރުން
  • ގައުމީ ކަރަންޓީނު ފެސިލިޓީ އޮޕަރޭޝަނަށް ގެނައުން
  • ސަރަހައްދީ ގޮތުން އެކަހެރިކުރުމަށް ގާއިމުކޮށްފައިވާ ސެންޓަރުތަކާއި ފަރުވާދޭ މަރުކަޒުތައް ތައްޔާރީ ހާލަތަށް ގެނައުން
  • ސެންޓަރުތަކުގައި ކަރަންޓީނު ކުރުން
  • ގޭގައި އެކަހެރިކުރުން
  • ބަލި ދެނެގަންނަން ގާއިމުކޮށްފައިވާ ނިޒާމްތައް ވަރުގަދަކުރުން
  • އަތޮޅު ފެންވަރުގައި ބޭހުގެ ސްޓޮކު އިތުރުކުރުން
  • ބެކްއަޕް ސިއްހީ އޮފިޝަލުން ތައްޔާރީ ހާލަތަށް ގެނައުން

މުޅި ރާއްޖެއަށް ޔެލޯ އެލާޓް ކަނޑައަޅާފައިވީ ނަމަވެސް، އެ ވައިރަސް ފެނުނު ކުރެއްދޫ އައިލަންޑް ރިސޯޓަށް ސަރުކާރުން ވަނީ އޮރެންޖު އެލާޓް ކަނޑައަޅައިފަ އެވެ. އޮރެންޖު އެލާޓަކީ ގައުމަކުން ބޭރުން އައި ފަރާތަކުން އެ ވައިރަސްޖެހި، ސީދާ އެ މީހާގެ ފަރާތުން އިތުރު ބަޔަކަށް އެ ވައިރަސް ޖެހިފައިވާ ހާލަތު ބަޔާންކުރާ ދަރަޖަ އެވެ. އޮރެންޖު އެލާޓްގެ ދަށުން ރަށެއް ނުވަތަ އަތޮޅެއްގައި އަމަލުކުރާނެ ގޮތްތަކަކީ:

  • ކޮންމެހެން ކުރަންނުޖެހޭ އޮޕަރޭޝަންތައް ފަސްކުރުން
  • އަސަރުކޮށްފައިވާ ސަރަހައްދުގެ ސްކޫލްތައް ބަންދު ކުރުން
  • ކޮންމެހެން ބާއްވަންޖެހޭ އެއްވުންތައް ނޫނީ ނުބޭއްވުން
  • ކޮންމެހެން ކުރަންޖެހޭ ދަތުރުތައް މެނުވީ ފެރީ ދަތުރުތައް ލިމިޓުކުރުން
  • އެ ރަށަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ މުދާ ފޯރުކޮށްދިނުން
  • ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތައް ގޭގައި ކަރަންޓީނު ކުރުން
  • ކޭސްތަކަށް ބޭނުންވާ ސިއްހީ ފަރުވާއާއި ލަފާ ފޯރުކޮށްދިނުން

ރާއްޖެއިން ކޯވިޑް-19އަށް ދެމީހަކު ޕޮޒިޓިވްވިކަން ސަރުކާރުން އިއުލާނުކޮށްފައި ވީނަމަވެސް ރައްޔިތުން ހާސްވެ ކަންބޮޑު ނުވުމަށް ކަމާއި ބެހޭ އިދާރާތުން ވަނީ އިލްތިމާސްކޮށްފައެވެ.