ޚަބަރު

ރައްޔިތުން ހާސްވެ ކަންބޮޑު ނުވުމަށް ކަމާއި ބެހޭ އިދާރާތަކުން އިލްތިމާސްކޮށްފި


ރާއްޖެއިން ކޯވިޑް-19އަށް ދެމީހަކު ޕޮޒިޓިވްވިކަން ސަރުކާރުން އިއުލާނުކޮށްފައި ވީނަމަވެސް ރައްޔިތުން ހާސްވެ ކަންބޮޑު ނުވުމަށް ކަމާއި ބެހޭ އިދާރާތުން އިލްތިމާސްކޮށްފިއެވެ.

ރާއްޖެއިން ކޯވިޑް-19އަށް ފުރަތަމަ ޕޮޒިޓިވް ވި ދެމީހުންނަކީ، ކުރެއްދޫ ރިޒޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފުންކަމުގައި ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭން ކޯވިޑް-19އަށް ޕޮޒިޓިވްވި ދެމީހުން ފެނުނުކަން އިއުލާނުކުރައްވަމުން ހެލްތުމިނިސްޓަރ އަބުދުﷲ އަމީންވެސް ވަނީ ރައްޔިތުން ކަންބޮޑުވެ ޕެނިކް ނުވުމަށް އިލްތިމާސްކުރައްވާފައެެވެ. މިނިސްޓަރ އަމީން ވިދާޅުވީ، އާއްމު ދިރިއުޅުމަށް އެއްވެސް ދައްޗެއް ނެތް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ކުރެެއްދޫ ރިސޯޓްގައި ތިބި މުވައްޒަފުންގެ އާއިލާތައް ވެސް ބިރު ގަންނަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.

އާއްމުރައްޔިތުން ޕެނިކްނުވުމަށް އެސްޓީއޯގެ އެމްޑީ ހުސައިން އަމުރުވެސް އަދި ފުލުހުންނާއި އެމްއެންޑީއެފުންވެސް ވަނީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްތިމާސްކުރައްވާފައެވެ.

އެސްޓީއޯއިން ބުނީ، ކާޑާއި ހޭންޑްސެނިޓައިޒާއި އަދި މާސްކު ފަދަ ތަކެތި އެއްފަހަރާ ގިނައިން ގަނެ ސްޓޮކް ކުރާނަމަ އެކަމުގެ ސަބަބުން، ކޮންމެހެން ބޭނުންވާ މީހުންނަށް ނުލިބި ދަތިވުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.

ކޯވިޑް-19އަށް ރާއްޖެއިން ދެމީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ސަރުކާރުންވެސް މިހާރު އަވަސް ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފައެވެ.