ޚަބަރު

ރާއްޖެއިން ކޯވިޑް-19 ޖެހިފައިވާ 2 މީހަކު ފެނިއްޖެ


ރާއްޖެއިން ކޯވިޑް-19 ޖެހިފައިވާ 2 މީހަކު ފެނިއްޖެއެވެ.

މިކަމާ ގުޅޭ މަޢުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ މި ކޮވިޑް-19 ފެނިފައި ވަނީ ކުރެއްދޫއިން ފަރުކޮޅަށް ގެނެސް ކަރަންޓީނު ކުރި ދެ މީހެއްގެ ގައިން ކަމަށެވެ. އެދެމީހުންނަކީ، އެރިޒޯޓުގެ މުވައްޒަފުންގެ ތެރެއިން ބިދޭސީ ދެމުވައްޒަފުންކަމުގައިވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ އަބުދުﷲ އަމީން ވިދާޅުވީ، މިހާރުގެ ހާލަތަށް ބަލައި ކުރެއްދޫ ރިޒޯޓަށް މީހުން އަރާފޭބުން އަދިވެސް ވަނީ މަނާކޮށްފައި ކަމަށެވެ. ކުރެއްދޫ ރިޒޯޓުގައި ކޮވިޑް-19 މިފެތުރެން ފެށީ އެރިޒޯޓަށް އައި އިޓަލީގެ ފަތުރުވެރިއެއްގެ ކިބައިންނެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، މި ހާލަތުގައި ރައްޔިތުން ޕެނިކް ނުވެ، ކެތްތެރިކަމާ އެކު މިކަމާ ކުރިމަތިލައި، އެންމެންނަށް ވެސް ލުއިފަސޭހަވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރައްވާކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ޑޮކްޓަރު ވިދާޅުވީ، ޕޮޒިޓިވްވި ދެމީހުންގެ ހާލު ގޯސްނޫން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށެވެ. އަދި ސަރުކާރުން އަމަލު ކުރައްވަމުން ގެންދަވާނީ، ޑަބުލިޔުއެޗްއޯގެ ސްޓޭންޑަޑާއި އެއްގޮތަށް ކަމުގައިވެސް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މިރޭ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް އޮންނާނެ ކަމަށާއި، އެ ބައްދަލުވުމަށްފަހުގައިވެސް ސަރުކާރުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

ކޯވިޑް 19 ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤައިމްކޮށް ރާއްޖެ ތައްޔާރީ ޙާލަތަކަށް އައިސްފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ވަނީ އާންމު ރައްޔިތުން އެ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ސަމާލުވެ ކެތްތެރިކަމާއެކު އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރައްވާފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެއިން ވަނީ ވަޔާއި ކަނޑުގެ މަގުން ރާއްޖެ އެތެރެވާ މީހުން ހެލްތް ސްކްރީން ކުރުމާއި ރާއްޖެއިން މި ވައިރަހަށް ޓެސްޓު ކުރެވޭނެ ގޮތްވެސް ވަނީ ހަދާފައެވެ. އަދި މި ވައިރަސް އެންމެ ބޮޑަށް ފެތުރޭ ޤައުމުތަކުން މީހުން ރާޢްޖެއަށް އެތެރެވުންވެސް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.

މީގެ އިތުރުން މިހާރު ފަރުކޮޅުފުއްޓާއި ފުނަދޫގެ އިތުރުން ކުރިން ރިސޯޓް ހިންގި ރަށެއް ކަމަށްވާ ވިލިވަރުގައިވެސް 30 މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީއެއްވެސް ސަރުކާރުން ވަނީ ޤާއިމް ކޮށްފައެވެ. އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް، ބޭނުންވާ ސިއްޙީ ސާމާނު ހާލަތާ އެކަށީގެންވާ ވަރަށް ފޮނުވާފައިވާ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.