ޚަބަރު

އިންޑިއާގެ އެހީގައި ހިންގާ ރަސްދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ފަށައިފި


އިންޑިއާ ސަރުކާރުގެ އެހީއާއިއެކު ކުރިއަށްގެންދާ އއ.ރަސްދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢުއަކީ 13މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

އއ.ރަސްދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޕްރޮޖެކްޓަކީ އިންޑިއާ ސަރުކަރުގެ އެހީގައި ކުރިއަށްގެންދާ ޕްރޮޖެކްޓްކެވެ. މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރްއެވެ.

ޕްރޮޖެކްޓް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ ރަސްދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޕްރޮޖެކްޓްގެ ޕްލޭނިންގ މަސައްކަތް މިނިސްޓްރީން ކުރިއަށް ގެންދާތާ ދުވަސްތަކެއް ވެއްޖެކަމަށެވެ. އަދި މިހާރު ރައްޔިތުންގެ މަޝްވަރާއާއިއެކު ފައިނަލް ކުރެހުންތައް ތައްޔާރުކޮށް ނިމިފައިވާއިރު، ޕްރޮޖެކްޓް ޑިޒައިންކޮށްފައި ވާނީ ރައްޔިތުންގެ އެދުނު ބަދަލުތަކާއި އެކުކަމުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ރަސްދޫގެ ގޮނޑުދޮށް ގިރައި ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދާއި ހަމައަށް ވަނީ ފޯރާފައެވެ. އަދި ފުޅާ ދާއިރާއެއްގައި ލޯކަލް ޓުއަރިޒަމްއިން މަންފާ ހޯދާ ރަސްދޫގެ ރަށްގިރުމުގެ ސަބަބުން ރަށުގެ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިއަށްވެސް ވަނީ ހުރަސް އެޅުފައެވެ.

"ކުޑަ ރިސޯޓެއްގައި ހުންނަވަރަށް އެންދު އެބަހުރި، 500އެންދު ގެ ފަތުރުވެރިކަމުގެ ވިޔަފަރި އެބަކުރޭ މިރަށުގައި. ޕްރޮޖެކްޓް ފަރުމާކޮށްފައިވަނީ މިކަމަށް ބަލައި ރަށުގެ ގުދުރަތީ ވެށި ނުގެއްލޭނެހެން. މިފަދަ ވިޔަފާރިތަކުންލިބޭ މަންފާ ދަމަހައްޓަން ކުރެވޭ މަސައްކަތެއް މިއީ. މިއީ މުޅި ރާއްޖޭގެ އިޤްތިޞާދަށްޓަކައި ކުރެވޭ މަސައްކަތެއް" އަސްލަމް ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓްގެ މަސައްކަތް ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން އިންޑިއާ ސަފީރު ސަންޖޭ ސުދީރް ވިދާޅުވީ އިންޑިއާއިން ދޭ އެހީތައް ރާއްޖޭގެ ހުރިހާ ދާއިރާއަކަށް ފުޅާކުރަމުންދާކަމަށެވެ. އެގޮތުން އިޤްތިޞާދީ ދާއިރާއިންދޭ އެހީގެ އިތުރަށް، ސީދާގޮތުން ރައްޔިތުންނަށް މަންފާ ކުރާ މަސައްކަތްތަކަށް އެހީދެމުންދާކަން ސަފީރު ފާހަގަކުރެއްވިއެވެ.

"އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރުޢޫތައް މުޅި ރާއްޖެއަށް ބަހާލައިގެން މިދަނީ ކުރިއަށްގެންދަމުން. އާމުންނާއި ބޮޑަށް ގުޅުންހުރި ދާއިރާތަކަށް މިދަނީ. އެގޮތުން ގޮންޑުދޮށް ޙިމާޔަތްކުރުމާއި، ސްކޫލްތަކާއި، މަގުހެދުމާއި، އަދި ބ.ފެހެންދޫއަށް ސްކޫލް ފެރީގެ ޚިދުމަތް ދިނުމަށްވެސް އިންޑިއާ ސަރުކާރުންވަނީ އެހީދީގައި." ސަންޖޭ ސުދިރް ވިދާޅުވިއެވެ.

އއ.ރަސްދޫ ގޮނަޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އެމްޓީސީސީ އާއި ހަވާލުކޮށްގެންނެވެ. ރަސްދޫ ގިރާ ސަރަޙައްދު ޙިމާޔަތްކުރަނީ އެރަށުގައި ފަރުގައި ހުރަހަށް ހިލަ ފައިކަށިތަކެއް ޖަހައިގެންނެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ޕްރޮޖެކްޓްގެ މަސައްކަތުގެދަށުން ގިރާފައިވާ ގޮނޑުދޮށުގެ ވެލިގަނޑު އިއާދަކުރުންވެސް ކުރިއަށްދާނެކަމަށެވެ.

"324މީޓަރުގެ ރޮކް ގްރޮވިންގ( ފައިކަށިތައް)، އަދި 29މީޓަރު ސަރަޙާއްދުގައި ރިވެޓްމަންޓް ޖަހާނެ. މީގެއިތުރުން ރަށުގެ ގިރާފައިވާ ސަރަޙައްދުގެ ވެލިގަނޑު އިއާދަކުރުމަށް 6563 ކިއުބިކް މީޓަރު ސަރަޙާއްދަށް ވެލި އަޅާނަން." އާޒިމް ވިދާޅުވިއެވެ.

ރަސްދޫއަކީ އާބާދީގައި ބާރަސަތޭކައެއްހާ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.

ރަސްދޫގައި ހިންގުމަށް ހަމަޖެހިފައި ގޮންޑުދޮށް ޙީމާޔަތްކުރުމުގެ މަޝްރޫޢުއަކީ އިންޑިއާ ސަރުކާރުގެ ސަރުކާރުގެ ހިލޭ އެހީއާއި ދަޢުލަތުގެ ޕީއެސްއައިޕީން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ. މުޅި ޕްރޮޖެކްޓަށް 13.3 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮޖެކްޓަށް އިންޑިއާ ސަރުކާރުން 8މިލިއަން ރުފިޔާ ޚަރަދު ކުރާނެއެވެ.

އެމްޓީސީއާއި މި މަސައްކަތް ހަވާލުކުރީ 2019ވަނަ އަހަރު ސެޕްޓެމްބަރުމަހުއެވެ. ޕްރޮޖެކްޓްގެ ޑިޒައިން މަސައްކަތްތައް މިހާރު ނިމިފައިވާއިރު، ޢަމަލީ މަސައްކަތް ކުރިއަށް އޮތް 3 މަސް ތެރޭގައި ނިންމާލާނެކަމަށް އެމްޓީސީސީން ބުނެއެވެ.