ޚަބަރު

"ދެނެގަންނަމާ"ޕްރޮގްރާމް ކުޅުދުއްފުށީގައި ކުރިއަށްގެންގޮސްފި


މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރިއަށްގެންދާ "ދެނެގަންނަމާ" ޕްރޮގުރާމް ކުޅުދުއްފުށީގައި ކުރިއަށްގެންގޮސްފި އެވެ.

ކުޅުދުއްފުށީގައި ހުންނަ ނޯތް އޮފީސް ކޮމްޕްކްސް ހޯލުގައި ކުރިއަށްގެންދިޔަ މި ޕްރޮގުރާމް ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުހައްމަދުފުޅެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަޙްމަދު މުހައްމަދުފުޅު ވިދާޅުވީ، ހައްގު ހޯދަން ވަކާލާތުކުރެވޭނީ ފުރަތަމަ ހައްގަކީ ކޮބާކަން އެނގިގެން ކަމަށެވެ.

އަދި އޭނާ ވަނީ މި ޕްރޮގުރާމުގައި ފެސިލިޓޭޓަރެއްގެ ގޮތުގައި ބައިވެރިންނަށް މައުލޫމާތުވެސް ދެއްވާފަ އެވެ. އެ ސެޝަންގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މައުލޫމާތު ދެއްވީ އަނިޔާކުރުމާއި ލާއިންސާނީ ދަށު ޖަރަޖައިގެ އަމަލުތައް ހިންގުމާއި އަދަބު ދިނުމާ ދެކޮޅު މުއާހަދާ ގުޅޭ ގޮތުންނެވެ.

މި ޕްރޮގުރާމުގައި ޢާންމު މިންގަނޑުތަކާ ޚިލާފް ޢަމަލުތައް ހުއްޓުވުމާބެހޭގޮތުންވެސް މައުލޫމާތު ދީފައިވެ އެވެ. އެ ސެޝަން ކުރިއަށްގެންދެވީ އެސޯސިއޭޓް ލީގަލް ކައުންސެލް އަލްއުސްތާޒާ އަމިނަތު ނަބީލާ އިބުރާހިމް ނަޞީރެވެ.

އެއްދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގުރާމުގައި ހދ އަތޮޅުގެ ފަސް ރަށަކުން 41 މީހުން ވަނީ ބައިވެރިވެފަ އެވެ. މި ޕްރޮގުރާމްގައި ބައިވެރިވީ، ކުޅުދުއްފުށީގެ އިތުރުން ހަނިމާދޫ، ވައިކަރަދޫ، މަކުނުދޫ، ނޮޅިވަރަންފަރުންނެވެ.